ދުނިޔޭގެ ތިމާވެށީގެ ދުވަސް
ދުނިޔޭގެ ތިމާވެށީގެ ދުވަސް
ނޫސްބަޔާން
5 ޖޫން 2024
ދުނިޔޭގެ ތިމާވެށީގެ ޙަޤީޤަތް
ސައިންސްވެރިން ބުނާގޮތުގައި ދުނިޔޭގެ ތަބީއީ ރައްކާތެރިކަމުގެ 9 އިމުގެ ތެރެއިން 6 އިމުން ދުނިޔޭގެ ރައްކާތެރިކަން މިހާރުވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ބޭރުވެފައެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ފުރަގަސްދީފައިވާ މިންވަރުއޮތީ މުތުލަގަށެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ދެމުންދާ ފިނިތަރުހީބުގެ ސަބަބުން އަހަރެމެން ދިރިދެމި ތިބުމުގެ ރައްކާތެރިކަމަށް ދަނީ ހުރަސްއެޅެމުންނެވެ. އަދިމިކަން މިގޮތަށް ހިނގާ ސަބަބަކީ އިޤްތިސާދީ ތަރައްޤީގެ އަސާސަކަށް ވެފައިއޮތީ ދިރިއޮތްވެށި ފަނާކޮށް ނެތިކޮށްގެން މެނުވީ ކުރިއެރުން ލިބެންނެތްކަމަށް ބަލާތީއެވެ. މިކަން މިގޮތަށްކުރަނީ ދިރިއޮތްވެށި ފަނާވެ މުޅިގުދުރަތީ ނިޒާމު އިނދަޖެހުމަށް ހުށަހަޅައިގެންނެވެ.
އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް ދަނީ ދުނިޔޭގެ މޫސުމީކާރިސާގެ ކަންބޮޑުވުމުގެ އިންޒާރުތައް އެކިގޮތްގޮތަށް އާންމު ކުރަމުންނެވެ. މި އިންޒާރުތަކަކީ ސިޔާސީގޮތުން ބީރުކަންފަތް ތަކަކަށް އިވޭ އެއްޗަކަށް ނުވެއެވެ.
2021 ގައި މިކަމާގުޅިގެން އޭނާވަނީ އިންސާނުންނަށް ރަތުގެ އިންޒާރެއް އިއުލާނު ކޮށްފައެވެ.
2023 ގައި އޭނާ ދިން އިންޒާރަކީ ދުނިޔެ މިހާރުދަނީ ހަމައެކަނި ހޫނުވަމުން ނޫންކަމާ، އަދުއޮތީ ދުނިޔެ ކެކެމުން ދިއުމުގެ ޒަމާނެއް އައިސްފައިކަމެވެ.
މިއިން އެއްވެސް އިންޒާރަކީ – ދިވެހިރާއްޖެ ހިމެނޭ ގޮތަށް، ދުނިޔޭގެ އެއްވެސް ސަރުކާރަކުން އިޖާބަދިނުމަށް އަވަސްވެގެންފައިވާ އެއްޗެއް ނޫނެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ތިރިކޮށް ބިންއޮތް ކުދި ގައުމުތަކުގައި ހިމެނޭ ގައުމަކަށްވާއިރު، ދުނިޔޭގެ މޫސުމީކާރިސާތަކަށް އެންމެ ފަސޭހައިން ހުށަހެޅިގެންދާނެ އެއް ގައުމެވެ.
ރާއްޖެއަކީ ދުނިޔޭގެ މޫސުމީކާރިސާ ތަކުގެ ޝިކާރައަކަށް ރާއްޖެ ވެފައިވާކަމުގެ ކަންބޮޑުވުން އެންމެ އިސް ސަފުގައި ފާޅުކުރަމުންދާ ގައުމެކެވެ. މިކަން ކުރަމުންދަނީ ރާއްޖޭގެ މޫސުމީ ވިލުންވެރިކަމުގެ ފުރިހަމަ ޤުދުރަތީ ނިޒާމު އަމަލީގޮތުން ގަސްތުގައި ނެތިކޮށް ވެށިމަރަމުންނެވެ. އެކަން ކުރަނީ “ތަރައްޤީ” ގެ ނަމުގައެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސީރިއަސް ހަޤީޤަތް ސާފުކޮށް ފެންނަންއޮވެ، އޭގެ ހެކިތައް ދައްކުވާ ކާރިސާތަކުގެ ލިސްޓު ބާރުމިނުގައި ދިގުވަމުންދާ ހިނދު، ކަންނިންމަން ތިބޭ ފަރާތްތަކުން މިކަންކަމަށް އިޖާބަދިނުމަށް ފޭލުވެފައިވާތީ މުޅިދުނިޔޭގައި ސައިންޓިސްޓުން ދަނީ މާޔޫސްވެ ގޮތްހުސްވަމުންނެވެ.
މީހުންގެ ފުރާނައާއި، ގެދޮރާ، ރަށްފުށާ، ޓައުން އަދި ސިޓީތަކާ އަދި އިންސާނުން ދިރިތިބުމަށް ކޮންމެހެން ބޭނުންވާ ޤުދުރަތީ ވެށްޓާއި ތަފާތުދިރުންތައް ދަނީ ގަދަހޫނާ، އޭގެސަބަބުން އުފެދިފެތުރޭ އަލިފާންރޯވެ އެނދުމުގެ ބޮޑެތި ކާރިސާތަކާ، ގަދަވިއްސާރައިގެ ފެންބޮޑުވުމުގެ ކާރިސާތަކުގައި ގެއްލި ނެތެމުންނެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސީރިއަސްކަން ދައްކުވާދޭ އެންމެފަހުގެ ހެއްކަކީ ވެނެޒުއެލާގެ ގަނޑުފެނުގެ ނިޒާމުގެ ބާކީއޮތް އެންމެފަހުބައި ނެތިފަނާވެއްޖެ ކަމުގެ ޚަބަރެވެ.
ދުނިޔެ ހޫނުވެ “ކެކެމުން ދިއުމުގެ” ސަބަބުން ދުނިޔޭގެ ގަނޑުފެނުގެ ނިޒާމު ގިރި، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލިގެން ދިއުމުގެ އާޚިރު ނަތީޖާއިން އެނގިހާމަވެގެންދާނެ އެއްޗަކީ ބަދަލުވަމުންދާ ކަނޑުގެ ދިޔަވަރުގެ މަތީގައި ދިވެހިރާއްޖެއަށް ސަލާމަތުން އޮވެވޭނީ ކިހާދުވަހެއް ވަންދެންތޯ ކަމެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ކާރިސާއަކީ ރާއްޖެ ދެމިއޮތުމަށް އޮތް ނުރައްކަލެއްކަން ސާފެވެ.
މޫސުމީބަދަލާއި ރާއްޖޭގެ ޙަޤީޤަތް
ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންބަލާއިރު 7 ވަނައަށް އެންމެބޮޑު ފަރުގެ ނިޒާމު، އަދި ދިރުންތަކުގެ މުއްސަނދިކަމަށް ބަލާއިރު 5 ވަނައަށް އެންމެ މުއްސަނދި ފަރުގެވެށި އޮތް ޤައުމެވެ.
ދުނިޔޭގެ ސައިންސުވެރިން އިއްތިފާގުވަނީ މޫސުމީ ބަދަލުގެ ސަބަބުން ދުނިޔެ ހޫނުވެ، ކަނޑުގެ އެސިޑް މިންވަރު އިތުރުވެ، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އަހަރެމެންގެ ފަރުތަކަށްއޮތް އިންތިހާއަށް ބޮޑު ނުރައްކަލެއް ކަމެވެ.
ޕްލާސްޓިކާ ކަނޑަށް ބޭރުކުރާ ކަނޑުގެވެށި ތަޣައްޔަރުކުރާ އެހެނިހެން ކުނިބުންޏަކީ ހުރިހާދިރުމަކަށް އޮތް އިތުރު ނުރައްކާތަކެވެ.
އަދު އަހަރެމެން މިތިބީ މުޅިދުނިޔެއަށް އަސަރުކުރާ މުރަކަ ހުދުވުމުގެ ބޮޑުކާރިސާއެއްގެ ތެރޭގައެވެ. މީގެ ސަބަބުން އަހަރެމެންގެ ދިރިއޮތް ވެށްޓާ ކަނޑުގެ ދިރޭތަކެތީގެ މުއްސަނދިކަމަށް އިހުނަށްވުރެ ބޮޑަށް އޮތީ ނުރައްކާވެފައެވެ.
ރާއްޖޭގެ ބިންގަލަކީ ރާއްޖެބިނާވެފައި އޮތް ދިރިއޮތްފަރުތަކުގެ ނިޒާމެވެ. މި ނިޒާމަށް އަމާޒުވާ ކޮންމެ ހަމަލާއަކާ ނޭދެވޭއަސަރަކީ ކަނޑުގެ ދިޔަވަރުގެ މަތީގައި ދިވެހިރާއްޖެއަށް ސަލާމަތުން އޮތުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމެކެވެ.
މި ހައްސާސް ހާލަތުގައި ރާއްޖެއަށް އޮތް އެންމެބޮޑު ނުރައްކަލަކީ ދިވެހި ދައުލަތުގެ ރުހުމާއެކު ހިންގާ އަމަލުތަކެވެ.
ތިމާވެށި ހިމާޔަތްކުރުމަށް މުއައްސަސާތައް ފޭލުވުން
އަހަރެމެންގެ ފަރުގެ މާހައުލީ ނިޒާމާ ދިރުންތައް ދިރިތިބުމަށް ބަރުދާސްތު ވަމުންދާއިރު، ތިމާވެށި ހިމާޔަތްކުރުމަށް ގާއިމުކޮށްފައިވާ މުއައްސަސާތަކުން ދަނީ އެފުރުސަތައް ޖާގަނުދީ ހުރަސްއަޅަމުންނެވެ. މިކަން ކުރަނީ ފަރުތަކުގެ ދިރިއޮތްވެށި ހަލާކުކޮށް ނިޒާމީ ވިލުންވެރިކަން ނެތިދާނެ އަމަލުތައް ހިންގުމަށް ތަފާތުއެކި ގޮތްގޮތަށް ކަންކަން ފަހިކޮށް ވާގިދެމުންނެވެ. ޑިސެމްބަރު 2023 ގައި ސަރުކާރުން ވަނީ އަނެއްކާވެސް ތާރީޚީ ބިޔަބޮޑު އެވަރެއް މިހާތަނަށް ނެތް ބިންހިއްކުމުގެ މަޝްރޫއެއް ދެކުނު މާލެ އަތޮޅުގެ ފުށިދިއްގަރު ފަޅުގައި ހިންގުމަށް އިއުލާނު ކޮށްފައެވެ. މި މަޝްރޫއުގެ ޝިކާރައަކަށް ވަނީ ދެކުނު މާލެ އަތޮޅުގައި ދެން ބާކީއޮތް އެންމެފަހު ފަރުފަޅުގެ މާހައުލީ ނިޒާމެވެ. މި ނިންމުމުން ފޮޅާލާ ނެތިކޮށްފައިވަނީ މި މުހިންމު ޤުދުރަތީ ނިޒާމުން ފަތުރުވެރިކަމަށާއި، މަސްވެރިކަމަށާއި އާންމުރައްޔިތުން މި މާހައުލުތަކުން ހޯދާ އާމުދަނީއާއި ނަފާއަކީ އެއްވެސް އަގެއްނެތް އެއްޗަކަށް ހަދާފައެވެ. މައުލޫމާތު ހީނަރު، ދަށް ފެންވަރުގެ ސިޔާސީ މިފަދަ ނިންމުންތަކުގެ ސަބަބުން މި އަތޮޅަކީ މިހާރުވެސް ބޮޑެތި ގެއްލުންތައް ވެށްޓަށް ދީފައިވާ އަތޮޅަކަށްވާ ހިނދު، ޙާއްސަގޮތެއްގައި މި ނިންމުމުން ވަޒަންކޮށްފައި ނެތީ މުޅި އަތޮޅުގެ މޫސުމީ ވިލުންވެރިކަމާ ދިރޭތަކެތީގެ މުއްސަނދިކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ފުށިދިއްގަރުފަޅުގެ ޤުދުރަތީ ނިޒާމަކީ އިންތިހާއަށް މުހިންމުތަނެއް ކަމެވެ.
ސަރުކާރުގެ ހިރާސްބޮޑު ތަރައްޤީގެ ޕްލޭނަކީ ރާއްޖޭގައި ތެޔޮ ރައްކާކުރުމުގެ ބަންކަރިން ފެސިލިޓީ ތަކެއް ހެދުމަށެވެ. މިކަމުން ރާއްޖޭގެ ކަނޑުގެ ނާޒުކުވެށްޓަށާއި ވިލުންވެރިކަމަށް އަނެއްކާވެސް އިތުރު ނުރައްކާތަކެއް ތައާރަފު ކުރެވެއެވެ. ރާއްޖޭގެ ދިރިއޮތް ނާޒުކުވެށި ހިމާޔަތް ކުރުމަށް ތާރީޚީ ނުކުޅެދުންތެރިކަމެއް އޮތް ދިވެހިރާއްޖެއަކީ ވެށްޓަށްދިމާވާ ކާރިސާތަކަށް އިޖާބަދިނުމަށް ތައްޔާރީ ހާލަތު އިންތިހާއަށް ދަށް ގައުމެވެ.
މުއައްސަސާތައް ފޭލުވާކަމުގެ އިތުރު ހެއްކަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިދާކަށް ދުވަހު ކ.ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ވަގުތީގޮތުން ހުއްޓާލުމަށް އެދި އާންމު މަސްލަހަތުގައި ހުށަހެޅުނު އަވަސްއަމުރާބެހޭ މަދަނީ މައްސަލައާއި ގުޅިގެން ނިންމާފައިވާ ނިންމުމެވެ. މި މައްސަލަ ބެލުމަށް އިދާރީ ހިންގުމުގެ ހީނަރުކަން ހުރިމިންވަރު ދޭހަވަނީ އަވަސްއަމުރަކަށް އެދުމުން ގޮތެއްނިންމަން އަހަރުދުވަސް ހޭދަވެ، މައްސަލަ ކޯޓުން ނިންމިއިރު ހޯދަން އުޅުނު ފަރުވާ ގެއްލިގޮސްފައިވާކަން ފެންނާން އޮތީމައެވެ. ތިމާވެށި ހިމާޔަތްކުރުމަށް ގާއިމު ކޮށްފައިވާ ޕްރިކޯޝަނަރީ ޕްރިންސިޕަލް ފަދަ ޤައުމީ އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ހަމަތަކަށް ފުރަގަސްދީ ގޮތް ނިންމާފައިވަނީ ނެދަލެންޑްސް ސަރުކާރުގެ ހިޔާވަހިކަންލިބޭ ބޭރުގެބޮޑު ވިޔަފާރި ކުންފުންޏަކާއެކު ހަދާފައިވާ ފަޅުހިއްކުމުގެ ކޮންޓްރެކްޓަށް ސީދާ ބުރަވެއެވެ. ވެށި ތަޢައްޔަރުކުރާ ފަރާތަކުންދޭ ގެއްލުމަށް ޒިންމާދާރު ކުރުވަން ޔޫރަޕުގައި ޤާނޫނުހުރެއެވެ. ނަމަވެސް މި މައްސަލައިން ފެނިގެން ގޮސްފައިވަނީ، ޔޫރަޕުގެ ކުންފުނިތަކުން ރާއްޖޭގެ ވެށި ތަޣައްޔަރުކޮށް ހަލާކު ކުރުމަށްފަހު އެ ވިޔަފާރީގެ އަގުނެގުމަށް ޑިމާންޑު ކުރުމުގެ ފުރުސަތު އެމީހުނަށް ރާއްޖޭގައި ފަހިކޮށްދީފައި އޮތްކަމާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުތަކަކީ އެމީހުނަށް ފޯރުވޭނެ އެއްޗެއް ނޫންކަމެވެ.
ތަރައްޤީއާއި ވިލުންވެރިކަން ގާއިމުކުރުމުގެ ދެކޮޅުނުޖެހޭ ވާހަކަތައް
ދިވެހިސަރުކާރުން ކެނޑިނޭޅި ބާރުދެމުންދާ ދެކޮޅުނުޖެހޭ ވާހަކަތަކަކީ ފަޅުކޮނުމާ ބިންހިއްކުމަކީ ރާއްޖޭގެ ތަރައްޤީއަށްއޮތް ހަމައެކަނި މަގުކަމަށެވެ. މިކަން ކުރަމުންދަނީ ވެށިފަނާކޮށްނެތިކޮށް ކޮނުމުގެ މަސައްކަތްކުރާ ބޭރުގެ ބިޔަކުންފުނިތަކާ، ބޭރުގެސަރުކާރުތަކާ، ގޮތްނޭނގޭ ބޭރުގެ ފައިސާއާއި، އިންވެސްޓަރުންނާ ބޭންކުތަކާ ގާތުންގުޅިގެންނެވެ. އެތައްއަހަރު ތަކެއްވާންދެން ރާއްޖޭގައި “ތަރައްޤީ” މާނަކޮށްފައިވަނީ ފަޅުކޮނުމާ ބިންހިއްކުމާ އެކައްޗެއްގެ ގޮތުގައެވެ. މިފަދަ ކޮންމެ މަޝްރޫއަކީ އެތައްމިލިއަން ޑޮލަރެއްގެ ދަރަނިވެރިކަމަށް ރާއްޖެ ހުށަހެޅިގެންދާ މަޝްރޫއެކެވެ. މިއާއެކުއެކީ ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތުގައި ވެށިން ލިބެމުންއައި ކާނާއާއި، އާމުދަނީގެ ވަސީލަތްތަކާއި ދިޔައީ ނިޒާމީގޮތެއްގައި ނެތިކޮށް ގެއްލެމުންނެވެ. އަދި އޭގެސަބަބުން ނުސީދާގޮތުން ރައްޔިތުންނަށް ރަށުން ހިޖުރަކުރުމަށް ލާޒިމުވާހާލަތެއް އުފެދި، އިޖްތިމާއީ އަދި އިގްތިސާދީގޮތުން ފަޤީރުކުރުވާ ނުތަނަވަސްކަމަށް ހުށަހެޅިގެންދެއެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޙަޤީޤަތްތައް މުޅިދުނިޔޭގައި ފާހަގަކުރެވޭވަރު މިއަދު ބޮޑުވެގެން ގޮސްފައިވާއިރު، މިކަންކަން ކުރަމުންދާ ފަރާތްތައް ދަނީ އެމީހުންގެ ވެށިފަނާކޮށްނެތިކޮށް ކޮނުމުގެ މަސައްކަތަށް އާ ލޭބަލެއްދީ، އެއަށް ‘މޫސުމީ ވިލުންވެރިކަން ގާއިމުރުން’ ކަމުގެ ނަމެއް އުފައްދާފައެވެ.
“ތަރައްޤީ އަށް ފަރުފަޅުކޮނުމުގެ” ވާހަކަތަކުގެ ދެކޮޅުނުޖެހޭ ކަމަކީ ފަޅުކޮނުމާ ބިންހިއްކުމަކީ އިގްތިޟާދު އޭގެމައްޗަށް މުޅިންބަރޯސާވާ އަސާސްކަމުގައިވާ މަސްވެރިކަމާ، ފަތުރުވެރިކަމާ، ރަށްރަށުގައި އާމުދަނީހޯދުމަށް ހުރި ޤުދުރަތީ ވަސީލަތްތައް އިޔާދަނުކުރެވޭ މިންވަރަށް ދާއިމަށް ނައްތާލަމުން ދިއުމެވެ. ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަމުގެ ދާއިރާއަކީ ރާއްޖޭގެ އެކްސްޕޯޓުގެ %98 އެވެ. ކޮނުމުގެ “ތަރައްޤީ” ގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި ގުދުރަތީ ވަސީލަތްތައް ދާއިމަށް ހަލާކުކޮށް، ފަޤީރުކަމާ ދަރަނިވެރި ކަމަށް ޤައުމު ދަނީ ހުށަހަޅަމުންނެވެ. ވޭތުވެދިޔަ 20 އަހަރު ތެރޭގައި ބިންހިއްކުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި ހާލަތަށް ފާހަގަކުރެވޭ ހެޔޮބަދަލެއް އައިސްފައި ނުވާއިރު، ހިއްކި ގިނަ ބިންތައް އޮތީ ބޭނުންނުކޮށް ހަނަފަސްކަންމަތީއެވެ. އަދި ތަނަވަސްކަމުގެ ނަހަމަކަން ރައްޔިތުންގެ ތެރޭގައިދަނީ އިތުރުވަމުންނެވެ. ބިންހިއްކުމާ ފަރުތައްފަނާކުރުމާ ހީނަރުކުރުމަކީ ތަރައްޤީއާއި އެކައްޗަކަށް ހަދައިގެން ދެކެވޭ ވާހަކަތަކާއެކު އިޖްތިމާއީ، ސަޤާފީ އަދި އިޤްތިޟާދީ ގޮތުން ނިކަމެތި ކުރުވަމުންދަނީ ރައްޔިތުންނެވެ. އަދި މި ވާހަކަތަކާ އަމަލުތަކުން އިތުރަށް ހުރަސްއަޅަމުންދަނީ މުސްތަޤްބަލުގެ މޫސުމީ ވިލުންވެރިކަމާ އަހަރެމެންގެ ރަށްތަކުގެ ސަލާމަތާ ރައްކާތެރިކަމެވެ.
‘މޫސުމީ ވިލުންވެރިކަން ގާއިމުކުރަން ވެށިފަނާކުރުމުގެ” ވާހަކަތަކުގެ ދެކޮޅުނުޖެހޭ ކަމަކީ ރަށްރަށުގެ އަތިރިމަތި ހިއްކާ ބަދަލުކުރުމަކީ ފަރުފަޅުގެ ދިފާއީ ނިޒާމު ބަދަލުކޮށް، އެ ގުދުރަތީ ނިޒާމުން ލިބޭ ސަލާމަތާ ރައްކާތެރިކަން ނެތިގޮސް މޫސުމީވިލުންވެރިކަން ލިބުމަށް އޮތް ފުރުސަތުވެސް ގެއްލިދިއުމެވެ. މިފަދަ އަމަލުތަކުން ކުރާ ހަމައެކަނި ކަމަކީ ބިންހިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށް ފަހިކުރުމެވެ. ސަބަބަކީ މިފަދަ ފަނާކުރަނިވި އަމަލުތަކުގެ ސަބަބުން ފަރުގެ ގުދުރަތީ ދިފާއީނިޒާމު ދާއިމަށް ހަލާކުކޮށް، ތާއަބަދު މިތަންތަން ހިމާޔަތްކުރުމުގެ ބުރެއް އުފައްދާ އިޔާދަވާނެކަމުގެ އުންމީދެއްނެތް ގެއްލުމެއްގެ ތެރެއަށް ހުށަހެޅިގެން ދެއެވެ. މި ހިއްކުންތައް ހިއްކުމަށް ވެލީގެބޭނުންކޮށް އެ ވަސީލަތްހީނަރުވެ، ގުދުރަތީ މާހައުލީ ނިޒާމުތައް ހަލާކުވުމުން އިތުރު ނިކަމެތިކަމާ، ފަޤީރުކަމާ ނުތަނަވަސްކަމުގެ މުސްތަޤުބަލަކަށް ރާއްޖެ ހުށަހެޅިގެންދެއެވެ. މި ތަރައްޤީގެ ކާމިޔާބީންނަކީ ރާއްޖޭގެ ރައްޔިތުންގެ ޚަރަދުގައި ހިންގާ މި މަޝްރޫއުތަކުން ބޮޑުފައިދާހޯދާ ބޭރުގެ ބޮޑެތިވިޔަފާރިތަކާ، މިކަމުގައި ޝާމިލުވާ ސިޔާސީންނެވެ. މީގެ ސަބަބުން އެތައް ޖީލުތަކަކަށް މި ގެއްލުންތަކާ، ހަލާކުގެ ހިރާސްއަށް ރާއްޖޭގެ ރައްޔިތުން ހުށަހެޅި، މީގެސަބަބުން އުފައްދާ ބޮޑުވަމުންދާ ދަރަނީގެ ތަކުލީފު އުފުއްލުމަށް ހުށަހެޅެއެވެ.
ޤުދުރަތީ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރުން
ތަރައްޤީގެ ނަމުގައި މި ދެކެވޭ ދެކޮޅުނުޖެހޭ ވާހަކަތަކަކީ، ރާއްޖޭގެ ފަރުފަޅުތަކުގެ ދިފާއީ ނިޒާމު ހަލާކު ކުރުމުގެ އިތުރުން، ރާއްޖޭގެ ވެލީގެ ރައުސްމާލު ބޭރުގެ ފަޅުކޮނުމުގެ ބޮޑުވިޔަފާރިތަކުގެ ފައިދާއަށްޓަކާ ހިތުހުރިގޮތަކަށް ހައްދެއްނެތި ބޭނުންކުރުމަށް ދޫކޮށްފައި އޮތުމެވެ. ފާހަގަކުރެވޭ ކަމަކީ، ވެލިނެގުމަކީ ރާއްޖޭގެ ޤާނޫނުން މަނާކޮށްފައިވާ ކަމަކަށްވާއިރު، ވެއްޔަކީ ރާއްޖޭގެ ރައްޔިތުންނަށްވެސް ފަސޭހަމަ ކަމާއެކު ލިބެންހުރި އެއްޗެއް ނޫނެވެ. ނަމަވެސް ބޭރުގެ ފަޅުކޮނުމުގެ ބޮޑުވިޔަފާރިތަކުން ހިންގާ މަޝްރޫއުތަކުގެ ބޭނުމަށް މުޅިން ހިލޭލިބޭގޮތަށް ދޫކޮށްފައިވާ އެއްޗެކެވެ. ރާއްޖޭގެ ވެއްޔަކީ ހުސްވަމުންދާ އެއްޗަކަށްވީ ނަމަވެސް، މި ފަދަ މަޝްރޫއުތަކުން ބޭނުންކުރާ ވެއްޔަކީ އެއްގޮތަކަށްވެސް އަގުކުރާ އެއްޗެއް ނޫނެވެ. ވެލީގެހޭދަ ބޮޑު މަޝްރޫއުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރާ ގެއްލުމަކީ އެއްގޮތަކަށްވެސް ދިރާސާކޮށް ބަލާހޯދާ ކަންކަމެއްނޫނެވެ. މިއީވެސް ބޭރުގެ ބޮޑުވިޔަފާރިތަކުގެ ފަނާކުރަނިވި އަމަލުތަކުން ރާއްޖެއަށް ވަމުންދާ ބޮޑެތިގެއްލުންތައް ފޮރުވާ ނުވާކަމަކަށް ހެދުމުގެ ކަންފަސޭހަ ކުރުމުގެ އަމަލެކެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއަކީ އިސްރާފުބޮޑު އަދި ނާޖާއިޒުގޮތުގައި ވެލީގެ ހޭދަކޮށްފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގައި އުތުރުމާލެ އަތޮޅުން 18 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދެއް ކޮނެ، 24.5 މިލިއަން ކޮޑިމީޓަރުގެ ވެލި ނަގާފައިވާއިރު، އޭގެސަބަބުން ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް މަސައްކަތެއް ނުކުރެއެވެ. މި އަމަލުތަކަކީ ރާއްޖޭގެ ޤާނޫނު އަސާސީގައި ތިމާވެށި ހިމާޔަތް ކުރުމަށް ޤާއިމު ކޮށްފައިވާ ޤާނޫނުތަކާ ސީދާ ތަޢާރަޒުވާ އަމަލުތަކެކެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓު ހަދާފައިވަނީ މަޝްރޫއު ހިންގުމުގައި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފުވީނަމަވެސް ބޭރުގެ ކޮންޓްރެކްޓަރަށް ރާޢްޖޭގެ ޤާނޫނު ނުހިންގާނެގޮތަށް، އަދި އެމީހުންނަށް އާދަޔާޚިލާފަށް ބޮޑުއަގުގައި ދިވެހިދައުލަތް ޖޫރިމަނާކުރުމުގެ ޖާގަ ލިބޭގޮތަށެވެ. މިފަދަ ކޮންޓްރެކްޓު ތަކުން ސާފުކޮށް ހާމަވެގެންދަނީ ބޭރު ގައުމުތަކުގެ ސަރުކާރުތަކުގެ ހިޔާގައި ބޭރުގެ ބޮޑެތިކުންފުނިތަކުން ހިންގާ މަޝްރޫއުތަކާބެހޭ ކޮންޓްރެކްޓުތަކަކީ އެމީހުންގެ ބާރު ދިވެހިދައުލަތަށް ފޯރުކުރެވޭނޭ ގޮތަށް ހަދާ ކޮންޓްރެކްޓުތަކެއް ކަމެވެ. އަދި މިއިން ހާމަވަނީ ރާއްޖޭގެ އިސްތިޤުލާލު އަދި ޤާނޫނުތަކުގެ ބާރުކަނޑުވާލާ، ދިވެހި ދައުލަތް ހިންގުމުގެ ނިކަމެތިކަން އޮތް މިންވަރެވެ. އެންމެ ފަހުގެ ބިޔަބޮޑު ހިއްކުމުގެ މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުގައި 41 މިލިއަން ކޮޑިމީޓަރުގެ ވެލި ނެގުމަށް އަންދާޒާކޮށްފައި ވެއެވެ. އަވަށްޓެރި ގުޅީގެ އިހުތިސާސް އިން ފުށިދިއްގަރު ފަޅުގެ ފަރުމަސްވެރިކަން ކުރާ ސަރަހައްދު ވަނީ އެ ރަށުރައްޔިތުންގެ ކިބައިން ނިގުޅައިގެންފައެވެ. އަދި މިކަން ކޮށްފައިވަނީ ރިޔާސީ ޤަރާރުގެ ޤާނޫނީ ހަމަ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެންނެވެ. މި މަޝްރޫއު ކޮންޓްރެކްޓު ކުރުމާބެހޭ ކަންކަމަކީވެސް ގޮތްނޭނގޭ، ކަންބޮޑުވާންޖެހޭ އަދި ސުވާލުއުފެދޭ ގޮތަކަށް ހިނގާކަމަކަށް ވާއިރު މިކަމުގައި ޝާމިލުވަނީވެސް ގުޅިފަޅު ކޮންޓްރެކްޓުގައި ހިމެނޭ ބޭރުގެ ފަރާތްތަކެވެ.
މޫސުމީބަދަލުތަކަށް އަމަލީގޮތުން ރަށްރަށުގައި އިޖާބަދިނުމަށް ގޮވާލުން
ދުނިޔޭގެ މޫސުމީކާރިސާގެ މައްސަލަ އޮތްގޮތް ވަރަށްސާފެވެ.
އޭގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާވެސް ވަރަށްސާފެވެ.
“ތަރައްޤީ އަށް ފަރުފަޅުކޮނުމުގެ” ވާހަކަތަކާ ‘މޫސުމީ ވިލުންވެރިކަން ގާއިމުކުރަން ވެށިފަނާކުރުމުގެ” ދެކޮޅު ނުޖެހޭ ވާހަކަތައް ބޭނުންކޮށްގެން ރާއްޖޭއަށް މޫސުމީކާރިސާގެ އަސަރުތައް ކުރާނެ މިންވަރުދަނީ އުފައްދާ ފުޅާކުރަމުންނެވެ.
މިކަމުން ކާމިޔާބީ ލިބޭނެ ބަޔަކީ ބޭރުގެ ބޮޑެތިވިޔަފާރިތަކާ، މިކަމުގައި ޝާމިލުވާ ސިޔާސީންނާ އެމީހުނާ ގުޅިފައިވާ ފަރާތްތަކެވެ.
މިކަމުން ގެއްލުންވާނެ ބަޔަކީ ދިވެހިރައްޔިތުންގެ މިހާރުގެ ޖީލުތަކާ އަންނާން އޮތް ޖީލުތަކެވެ.
މި ކަމަކީ އެތައް ގޮތަކުންބަލާއިރުވެސް ދިރިތިބުމަށް ކުރިމަތިވެފައިވާ ކާރިސާއެކެވެ.
މި ކާރިސާގެ ސީރިއަސްކަން ދެނެތިބެ، ރާއްޖޭގެ އަގުހުރި ޤުދުރަތީ ރަށްތަކާއި، އަހަރެމެންގެ ފަރުތަކުގެ މާހައުލީ ނިޒާމުތަކާއި، ދިރުންތަކުގެ މުއްސަނދިކަމާއި، ވެށީގެ ދިރުންތަކާއި، ވެލީގެ ވަސީލަތާއި، ކާބޯތަކެތީގެ ވަސީލަތްތަކާއި އެތައް މިލިއަން އަހަރެއްވާންދެން ގުދުރަތީގޮތުން ރަށްތަކަށް ލިބިފައިވާ އެންމެހާ ދިފާއީ ވަސީލަތްތައް ހިމާޔަތްކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ގޮވާލަމެވެ.
އަހަރެމެންގެ ރަށްތަކާއި، ކާބޯތަކެއްޗާއި، އާމުދަނީގެ ވަސީލަތްތައް ހިމާޔަތްކޮށް ރައްކާތެރި ކުރަންޖެހޭނީ އަހަރެމެންނެވެ.
އަހަރެމެންގެ ރަށްތަކާއި އަހަރެމެންގެ މާކަނޑުގެވަޒަން ހަލާކުވެދިއުމާ ގެއްލިދިއުމުގެ ނުރައްކަލުން ސަލާމަތް ކުރުމަށް
ފަރުދީފެންވަރުގައި އަދި އެންމެން އެކުވެގެން ލަސްނުކޮށް އަމަލީގޮތުން އިޖާބަދިނުމަކީ ކުރަންޖެހޭ ކަމެކެވެ.
އަހަރެމެންގެ ދިރުން ބަރޯސާވަނީ ދިރިތިބުމަށް ކޮންމެހެން ބޭނުންވާ ރާއްޖޭގެ ޤުދުރަތީ ދިރިއޮތްވެށި އެގޮތުގައި ސަލާމަތުން ދެމެހެއްޓިގެންނެވެ.
