ގަސްގަހާގެހީގެ ޤުދުރަތީ ތަރިކަ ނައްތާލުމުގެ އަމަލުތައް ރާއްޖޭގައި އާންމުވަމުން ދިއުމުގެ ސީރިއަސް ކަންބޮޑުވުން

ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކުގެ ފަސްގަނޑު ހިފަހައްޓާ، ރަށުގެ ފަސްގަނޑާއި ދިރުންތަކުގެ މުއްސަނދިކަން ދަމަހައްޓާ، ރަށުގެ ވައިގެސާފުކަމާއި، ފިނިކަމާއި، ފެހިކަމާއި، ޤުދުރަތީ ތިޔާގިކަމާއި، ވިލުންތެރިކަން ހިފެހެއްޓުމުގައި ގަސްގަހާގެހި އަދާކުރާ ދައުރަކީ ރަށްރަށުގެ ޤުދުރަތީ ދިފާއީ ބާރެއްގެ ދައުރެވެ. ރާއްޖޭގެ ރަށްރަށުން ރުއްގަސް އުފުރުމަކީ ރަށްރަށުގެ ރައްޔިތުންނަށް އިޖްތިމާއީ އަދި އިޤްތިސާދީ ގޮތުން އޭގެ ނޭދެވޭ ގިނަގުނަ އަސަރުތަކެއް ސީދާގޮތުންނާއި ނުސީދާގޮތުން ކުރާކަމެކެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް މިހާރުގެ ޖީލުތަކާއި އަންނާންއޮތް ޖީލުތަކުގެ މަންފާއަށްޓަކައި ފޯރުކުރުމުގެ މަތިވެރި މަގްސަދުގައި ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކެއް ކަރުދާހުގައި ލިޔެވިފައި ރާއްޖޭގައި އެބަހުއްޓެވެ. ނަމަވެސް ރާއްޖޭގެ މަރުކަޒީ ސަރުކާރުންނާއި، ރަށްރަށުގެ ރަށު ކައުންސިލުތަކުންނާއި، ސްކޫލްތަކުން ވެސް އަދު ދަނީ ރަށުގެ ޒަމާންވީ ދިރިހުރި ތަރިކައިގެ ގޮތުގައި ޖީލުތަކަކަށް ހިމާޔަތްކުރެވި، މިޖީލާއި ހަމައަށް ފޯރުކޮށްދީފައިވާ ގަސްގަހާގެހި، ޤާނޫނެއް ޤަވައިދަކަށް ބެލުމެއްނެތި، ނައްތާލަމުންނެވެ. މިފަދަ އަމަލުތަށް ހިންގުމަކީ ރަށްރަށުގެ ވިލުންވެރިކަމަށާއި، ރަށުގެ ރަށްވެހިންގެ އާންމު ސިއްހަތާއި ދުޅަހެޔޮކަމަށް އޮތް ނުރައްކަލެއްކަން އެއީ ބަހުސެއް ނެތް ކަމެކެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ހޫނުގަދަވާ އެއް ސަރަހައްދު ކަމުގައިވާ އީކުއޭޓަރ އާއި ގާތުގައި އޮތް ޤައުމެކެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޫނުގަދަވާ ކަން އެއީ ސައިންސުގެ އަލީގައި އެނގިހާމަވެ، އެކަމުގެ ކަންބޮޑުވުންތަށް ބައިނަލްއަޤުވާމީ ގޮތުންނާއި ޤައުމީ ފެންވަރުގައިވެސް ތަކުރާރުކޮށް ފާހަގަކުރަމުންދާ ހަޤީޤަތެކެވެ. މުޅި ދުނިޔެއަށް އަސަރުފޯރާ މި ނޭދެވޭ ބަދަލާއި އެކު، މި ދަނޑިވަޅުގައި އޮތް އެންމެ ސީރިއަސް އެއް ކަންބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ “އެލްނީނިއޯ” ގެ ކަނޑު ހޫނުވުމުގެ ނުރައްކަލެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ކަނޑުފަޅުތަކާއި، ފަރުތަކާއި، ރަށްތަކަށް ހޫނުގެ އަސަރު އިންތިހާއަށް ގަދަވާނެކަމުގެ އިންޒާރުތައް ލިބެމުންދާ ވަގުތެކެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި އިންޑިއާގެ ސަރަހައްދުން ރާއްޖެއަށް ދަތުރުކުރާ ވިހަކުނޑި ވަޔަކީވެސް ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްއޮތް ނުރައްކަލެކެވެ. ގަދަހޫނުން ރައްކާތެރިވުމަށާއި އިރުވައިގެ ވިހަކުނޑިވައިގެ ނުރައްކަލުގެ އަސަރު ކުޑަކުރުމަށް ރާއްޖެއަށް ލިބިފައިވާ އެންމެ މުހިންމު ދިފާއީ ވަސީލަތަކީ ގަސްގަހާގެއްސެވެ. ޚާއްސަގޮތެއްގައި ދުވަސްވީ، އާރުލީ ގަސްގަހާގެއްސެވެ. ނަމަވެސް ރާއްޖޭގެ ރަށްތައް އިދާރީގޮތުން ހިންގުމުގެ ޒިންމާއޮތް މުއައްސަސާތަކުން އަދި ސްކޫލްތަކުންވެސް ދަނީ ދަރިވަރުންނަށާއި، ރަށަށާއި، އާންމު ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ރުއްގަސް އުފުރުމާއި، ރާއްޖޭގެ ޤާނޫނުތަކުން ހިމާޔަތް ލިބިދީފައިވާ ޒަމާންވީ ގަސްތައް ކެނޑުމާއި ނައްތާލުމުގައި އިސްދައުރެއް އަދާކުރަމުންނެވެ.

ރަށްރަށުން ރުއްގަސް އުފުރުމާއި، ބިޔަގަސްތައް ކަނޑަމުން ދިއުމަކީ ރައްޔިތުންގެ ރުހުން ލިބިގެން ކުރާކަންކަން ނޫންކަން ސާބިތުވާ އެތައް ހެކިތަކެއް ފެންނާން އެބަހުއްޓެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ، ރަށާއި ރައްޔިތުންނަށް ގެއްލުންވާފަދަ އަމަލުތަކަކީ އެއްވެސް ހާލަތެއްގައި ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ.

  • ހދ. ވައިކަރަދޫ ގައި ފުޅާދާއިރާއެއްގައި ރުއްގަސް އުފުރައިގެން ރަށުން ބޭރުކުރުމުގެ ގެއްލުންބޮޑު އަމަލުތަކެއް ރަށުކައުންސިލު މެދުވެރިވެ ހިންގަމުންދާތީ، އެރަށުގެ ރައްޔިތަކު ވަނީ މި ގެއްލުން ހުއްޓުވުމުގެ މަގްސަދުގައި 3 އޮގަސްޓު 2026 ގައި ހދ. ވައިކަރަދޫ ރަށުކޯޓަށް މަދަނީ މައްސަލައެއް ހުށަހަޅާފައެވެ.
  • ހދ. ކުމުންދޫ ސްކޫލުގައި ހުރި ޒަމާންވީ، ބިޔަ ނިކަގަހެއް ކަނޑާލި ޚަބަރު 1 އޮކްޓޫބަރ 2026 ގައި އާންމުފަރާތަކުން ވަނީ “ފޭސްބުކް” ގައި ހިއްސާކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ގާތްގަނޑަކަށް 100 އަހަރުގެ ދޮށީ އުމުރުގެ ގަހެކެވެ. އުމުރުން 50 އަހަރު ވެފައިވާ ގަހަކީ ރާއްޖޭގައި ޤާނޫނީ ހިމާޔަތްކަން ލިބިދީފައިވާ ގަސްގަހެވެ. އެހެންކަމުން ބެލެވެނީ ހދ. ކުމުންދޫ ސްކޫލުން ހިންގި މި އަމަލަކީ ޤާނޫނާއި ޚިލާފު އަމަލެއް ކަމެވެ.
  • ރ. ރަސްމާދޫ ގައި ހުރި ތާރީޚީ ބޮޑު ނިކަގަހެއް ކަނޑާލަމުން ދިޔަ މަންޒަރު މީސްމީޑިއާގައި ރަސްމާދޫ ކޮމިއުނިޓީ އެއްގެ “ފޭސްބުކް” ގައި އޮކްޓޫބަރ 2026 ގައި ހިއްސާކޮށްފައި ވެއެވެ.
  • ކ. މާފުށީގައި ހުރި ބޮޑު ނިކަ ގަހެއް ކެނޑުމުގެ ކަންބޮޑުވުން ފާޅުކޮށް “ޓިކްޓޮކް” ގައި ޒުވާނަކު މި ވާހަކަ ހިއްސާކޮށް، އެކަމުގެ ނުރުހުން ފާޅުކޮށްފައިވަނީވެސް އޮކްޓޫބަރ 2026 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެރަށުގައި ހުރި ހަމައެކަނި ނިކަގަސް ކަމާއި، މި ގަސް ކަނޑާލީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި ކަމާއި، މިކަން ކޮށްފައިވަނީ މި ތަނުގައި ރެސްޓޯރަންޓެއް އެޅުމަށް ކަމަށްވެއެވެ. ކ. މާފުށްޓަކީ ފަތުރުވެރިކަމަށް ބަރޯސާވާ ރަށަކަށްވާ ހިނދު، ރަށުގެ ފެހިކަމާ ފިނިކަން ގެއްލުވާލާ ގަދަހޫނަށް ރަށް ހުށަހެޅިގެންދާނެ ކަންކަން ކުރުމަކީ އިގްތިސާދީ ގޮތުން ދެކޮޅުޖެހޭ ކަމެއް ނޫނެވެ.
  • ކ. މާލެ އަކީ އެރަށުގެ ޒަމާންވީ ގަސްތައް ކެނޑުމުގެ ސަބަބުން ގަސްގަހާގެހީގެ ހިމާޔަތާ ރައްކާތެރިކަމުން ރައްޔިތުން މަހުރޫމުވެފައިވާ ރަށެކެވެ. މާލޭގެ ވައިނުސާފުވެ ތަޢައްޔަރުވެ، ރަށްވެހިންގެ ސިއްހީ ދުޅަހެއުކަމަށް ނޭދެވޭ އަސަރުތަކެއް ކުރިނަމަވެސް މިކަންކަމަކީ ކަމާބެހޭ މުއައްސަސާތަކުން ސަމާލުކަންދޭ ކަންކަމެއް ނޫނެވެ. މިއީ މާލެސިޓީ ކައުންސިލު އަދި މަރުކަޒީ ސަރުކާރުގެވެސް ޒިންމާތައް އުފުލުމުގައި ތަކުރާރުކޮށް އިހުމާލުވެ ފޭލުވުމުގެ ނަތީޖާއެވެ. މާލޭގައި ހުންނަ އަމިއްލަ ފަރާތެއް ހިންގާ ހޮސްޕިޓަލެއް ކަމުގައިވާ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުރި ޒަމާންވީ އަދި އޭގެ ބޮޑުމިނުގެ ސަބަބުން ހިމާޔަތް ލިބިދޭންޖެހޭ ގަހެއް ވަނީ ސެޕްޓެމްބަރ 2026 ގައި ކަނޑާލާފައެވެ. ގަސްގަހާގެއްސަށް ގެއްލުންދީ ނައްތާލުމަކީ މާލޭގައި އާންމުވެފައިވާ އިޖްތިމާއީ ނުރައްކަލެކެވެ. ޤައުމީ ބަލިމަޑުކަމެއްގެ ސިފައިގާ މިކަން ދަނީ ރާއްޖޭގެ ރަށްތަކަށް ހަލުވިކޮށް ފެތުރެމުންނެވެ.
  • ކ. ވިލިމާލޭގެ ފުނަވަލަކީ ޤާނޫނުން ހިމާޔަތްކޮށްފައިވާ އެތައް ފުނަގަސްތަކެއް ހުރި އާސާރީ ޤުދުރަތީ ތަރިކައެކެވެ. މަރުކަޒީ ސަރުކާރާއި މާލެ ސިޓީކައުންސިލާއި، ބޭންކްއޮފް މޯލްޑިވްސް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން ވިލިމާލޭގެ ފުނަވަލަށް އިޔާދަނުކުރެވޭނެ ގެއްލުންދޭ މަޝްރޫއެއްވަނީ މާރިޗް 2026 ގައި އަމަލީގޮތުން ފަށާފައެވެ. މިއީ އެތައް ރައްޔިތުންތަކެއް މިކަމުގެ ނުރުހުން ފާޅުކޮށް، އެތައް މަސްދުވަހެއް ވަންދެން ދެކޮޅުހަދާ، އިހުތިޖާޖުކޮށް، މިކަން ހުއްޓުވުމަށް ވަކާލާތުކޮށް ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ، ވިލިމާލެއަށް ބޮޑެތި ގެއްލުންތަކެއް ދޭނެ މަޝްރޫއެކެވެ.

​ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމަކީ ރަށްރަށުގެ ކައުންސިލުތަކާއި، ސްކޫލުތަކާއި، އަދި އެހެނިހެންވެސް ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތަކުގެ ޤާނޫނީ ޒިންމާއެކެވެ. ނަމަވެސް މި ޤާނޫނީ ޒިންމާއަށް އެ ފަރާތްތަކުން ދަނީ އާންމު އުސޫލެއްގެ ގޮތުން އިހުމާލުވެ، ގޮންޖަހަމުންނެވެ. މި އިހުމާލުގެ އާޚިރު ނަތީޖާއަކަށްވަނީ ރައްޔިތުންގެ އިޖްތިމާއީ، އިޤްތިސާދީ އަދި ސިއްހީ ދުޅަހެޔޮކަމަށް ސީދާގޮތުންނާއި ނުސީދާގޮތުން އެކި ބާވަތުގެ ގެއްލުންތައް ލިބުމެވެ. އޭގެ ތެރޭގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނޭވާލާން ބޭނުންވާ ސާފުވައި ލިބުމަށް ހުރަސްއެޅެއެވެ. ގަދަހޫނުން ރައްކާތެރިވާން ކޮންމެހެން ބޭނުންވާ ފިނިކަން ގެއްލި، އެ ޤުދުރަތީ މަންފާއިން މަހުރޫމުވެއެވެ. އަދި މި ގެއްލުންތަކާއި ގުޅިފައިވާ ނޭވާލާނިޒާމުގެ ބަލިތަކާއި، ޖިސްމާނީ އަދި ނަފްސާނީ އެހެނިހެން ބަލިތަކަށް ރައްޔިތުން ހުށަހެޅެއެވެ. ހޫނުން ސަލާމަތްވުމަށް ކުރަންޖެހޭ ޙަރަދާއި ހޭދަ އިތުރުވެއެވެ. ރަށުގެ ފަސްގަނޑާއި، ދިރުންތަކުގެ މުއްސަނދިކަން ހީނަރުވުމުގެ ސަބަބުން، އެއިންލިބޭ ނަފާއާއި ރައްކާތެރިކަމުން މަހުރޫމުވެއެވެ. ގަސްގަހާގެހިން ލިބިދޭ ކާބޯތަކެތީގެ ނަފާއިން ރައްޔިތުން މަހުރޫމުވެއެވެ. ގަސްގަހާގެހީގެ ސަބަބުން ރަށަށްލިބޭ މޫސުމީ ވިލުންވެރިކަމުން ރަށާއި ރައްޔިތުން މަހުރޫމުވެއެވެ. އަދި މޫސުމީ ކާރިސާތަކަށް ރަށާއި ރައްޔިތުން ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

މަރުކަޒީ ސަރުކާރާއި، ރަށުކައުންސިލުތަކާއި ސްކޫލް ތަކަކީ އަދުގެ ޖީލުގެ ޅަދަރިންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި އެންމެ ކުރީސަފުގައި އަމަލީގޮތުން ޒިންމާދާރު ގޮތުގައި މަސައްކަތްކުރަންޖެހޭ ފަރާތްތަކެވެ. ނަމަވެސް ފެނިގެން މިދަނީ ހަމަ މި އިދާރާތަކާއި މުއައްސަސާތަކުން ޤައުމުގެ ޅަދަރިންނާއި، އަދާ މުސްތަޤުބަލުގެ ޖީލުތަކަށް ޚިޔާނާތްތެރިވަމުންދާ ތަނެވެ. މަރުކަޒީ ސަރުކާރާއި، ރަށުކައުންސިލާއި އަދި ސްކޫލުތަކުން ހިންގާ މިފަދަ ގެއްލުންދެނިވި އަމަލުތަކާއި ދެކޮޅުހެދުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެކެވެ. އެހެންކަމުން، ކޮންމެ ރަށެއްގެ ރައްޔިތުންވެސް މިކަމުގައި އިސްނަގައިގެން ރަށްރަށާއި ރައްޔިތުންނަށް ދެމުންދާ މި ގެއްލުންތަށް ހުއްޓުވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަކީ ރައްޔިތުކަމުގެ މުހިންމު އަދި އަސާސީ ޒިންމާއެއްކަމަށް ދެކެމެވެ.


@nikecrieetogether we can still make a difference

 

 

♬ suara asli – Zulkifli | Motivasi Harian – ZoeL