ރާއްޖޭގެ ސްކޫލްތަކާއި ތައުލީމީ އިދާރާތަކާ މުއައްސަސާތަކަށް ކުރާ އިލްތިމާސެއް

22 Feb 2024

2024-02 Trees logos collage
Shabau - Two beautiful trees in front of Ghiyasuddin Int. School

ރާއްޖޭގެ ސްކޫލްތަކާއި ތައުލީމީ އިދާރާތަކާ މުއައްސަސާތަކަށް ކުރާ އިލްތިމާސެއް

އާންމު ސިޓީ

22 ފެބްރުވަރީ 2024


މާލޭގެ ސްކޫލެއް ކަމުގައިވާ ޤިޔާސުއްދީން އިންޓަނެޝަނަލް ސްކޫލް ގެ ގޯތި ތެރޭގައިވާ ހިޔާ ދޭ ބޮޑެތި ގަސްތަކެއްގެ މޫ ތަކުގެ މައްޗަށް ކޮންކްރީޓް އަޅާ، އޭގައި ފިޔާތޮށި ކުލަލާފައި ހުރި ފޮޓޯ ތަކެއް ދާދި ފަހުން ސޯޝަލް މީޑިޔާގައި ހާމަ ވެފައި ވެއެވެ. ކުލަ ލާފަ ހުރި ކޮންކްރީޓް މަތީގައި ގަހެއްގެ މޫތައް ފެތުރި ފައިވާ މަންޒަރު އަދި ވަށައިގެން ހުރި ފާރު ބުރީގައި ވިނަތަކެއްގެ މަންޒަރު ކުރަހާފައި ހުއްޓެވެ. ސްކޫލްގެ ވެބްސައިޓަށް ވަނުމުން ދުނިޔެ ފެހި ކުރަން ގޮވާލާފައިވާ ފޮޓޯ އެއް ފެންނަން ހުރެއެވެ. ސްކޫލްގެ “ކޯ ވެލިޔުސް” ގެ ތެރޭ ހިމެނޭ “ސެންސިޓިވިޓީ” ގައި އެންމެ އިސްކޮށް ލިޔެފައި ވަނީ ތިމާވެއްޓަށް “ސެންސިޓިވް” ވުމެވެ.

ރާއްޖޭގެ ސްކޫލަކުން މިފަދަ އަމަލެއް ހިންގުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ. ތައުލީމީ އެއްވެސް މުއައްސަސާއަކުން މިފަދަ އަމަލެއް ފެނުމަކީ ދަރިވަރުންނަށް ދެވޭ އިލްމާއި ހިލްމާ ދޭތެރޭ ސުވާލު އުފެދޭ ކަމެކެވެ. ކަންމިހެން ހިނގާފައި މިވަނީ އަމީނީ މަގުގައި ވޭތުވެ ދިޔަ 20 ވަރަކަށް އަހަރު ތެރޭގައި ހެދި ބޮޑު ވެފައިވާ 140 އަށް ވުރެ ގިނަ ގަސް، ކަނޑާފައި ވަނިކޮށެވެ. އެ ގަސްތަކަކީ، ޤިޔާސުއްދީން ސްކޫލް ހިމެނޭ ގޮތަށް އެ މަގުގައި ހުރި އެތައް ސްކޫލެއްގެ އެތައް ސަތޭކަ ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ހެޔޮ އަސަރެއް ފޯރުކޮށްދޭ، އާންމު ސިއްހަތަށް އޭގެ ފައިދާ އަގު ނުކުރެވޭނެ މުހިންމު ގަސްތަކެކެވެ.

ތިމާވެށީގެ ވާހަކަ ދެއްކުމަކީ ދައުލަތުގެ އެކި މުއައްސަސާ ތަކުން އާއްމުކޮށް ފޮޓޯ ނެގުމަށާއި އެހީދޭ ބޭރުގެ ޤައުމު ތަކާއި ޖަމިއްޔާ ތަކުން ފައިސާ ހޯދަން ކުރާ ކަމަކަށް ވަނީ ވެފައެވެ. ދިވެހި ދަރިން ތަރުބިއްޔަތު ކޮށް، ތައުލީމު އުނގަންނައިދޭ ތަންތަނު ގައި “އެންވައިރަމަންޓަލް ވެލިޔުސް” އަށަގަނުވާ، ކިޔަވައި ދެވެނީ ވެސް މިފަދަ އުސޫލަކުންނެވެ. ދިރިއޮތް ވެއްޓާއި ވެށީގެ ދިރުންތަކަށް ގެއްލުން ދިނުމުގައި މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަމާ، މި ދެވެނީ ކޮންފަދަ ގެއްލުމެއްކަމާ، ދަރިވަރުންނަށް މި ތަމްސީލު ކޮށްދެވެނީ ކޮންފަދަ ނުރަނގަޅު މިސާލެއްކަން މިފަދަ އަމަލުތައް ކުރުމުގައި ވިސްނިފައި ނެތުމަކީ މުޅި މުޖްތަމައުއަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަންތައްތަކެވެ. ރާއްޖޭގެ ސްކޫލްތަކުން ތިމާވެށްޓަށް އަމަލީ ގޮތުން ދޭ މުހިންމުކަން ދުވަހެއް ދުވަހަކަށް ހީނަރުވަމުންދާ ކަން ފާހަގަ ކުރެވެއެވެ. މިކަމުގައި ޝާމިލުވަނީ ހަމައެކަނީ ޤިޔާސުއްދީން ސްކޫލް ނޫންކަންވެސް ފާހަގަ ކުރެވެއެވެ. އެ ސްކޫލުން ފެނިގެން އެ ދިޔައީ މުޅި ރާއްޖެއިން ފެންނަމުންދާ ވެށްޓަށް ގެއްލުން ދިނުމުގެ ސަގާފަތެއްގެ ފަހުގެ މިސާލެކެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލެ ސިޓީ އަކީ ބޮޑު އާބާދީ އެއް ދިރިއުޅޭ، ދުއްވާ އުޅަނދުތައް ނުހަނު ގިނަ، ފެހިކަން އަމުދުން މަދު، ދުނިޔޭގެ ނިސްބަތުން ކުޑަކުޑަ ބިންކޮޅެއްގައި އެންމެ ބައިބޯ ކޮށް މީހުން ދިރިއުޅޭ ސިޓީއެކެވެ. ބިމުގެ ބަރުމަރުކާ ބަންޑުން ގޮސް އިންސާނުން ހަމަޖެހިލައިގެން ދިރިތިބުމަށާއި ދިރިއުޅުމަށް ބޭނުންވާ ޖާގަ ގެއްލި، ސާފު ތާހިރުކަން ގެއްލި، ނޭވާ ލުމަށް ބޭނުން ވާ ސާފުވައި މާލޭގެ ރައްޔިތުންނަށް ގެއްލިފައިވާތާ އެތަށް އަހަރެއް ވެއްޖެއެވެ. މީގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ގިނަވެ، އަދި އެހެނިހެން ބަލިތަކުން އަރައި ގަތުމަށް ވެސް ދަތި ވާނެކަމީ ކަށަވަރުކަމެކެވެ. އިންސާނުން ދިރިއުޅޭ މާހައުލުގައި ފެހިކަން އިތުރު ވުމަކީ އިންސާނާގެ ހިތާ ހައްޓަށާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ބޮޑު ފަރުވާ އެއްކަން ސައިންސުގެ ތަހުލީލު ތަކުން ދައްކައެވެ. އެފަދަ ތަހުލީލެއް ބަލާ ކިޔާފައި ނެތަސް، ހަމަ ބުއްދިން ވިސްނާ މީހުންނަށް އެކަން ވިސްނޭނެއެވެ.

މީގެ އިތުރުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލު ތަކުން ދުނިޔެ ހޫނު ވަމުން ދާއިރު، ހޫނުމިން ދަށްކޮށް ދިރިއުޅޭ މާހައުލު ފިނި ކުރުމަށް އޮތް، ސިއްހަތަށް އެންމެ ފައިދާ ހުރި، ޖީބަށް ލުއި، ދެމެހެއްޓެނިވި ހައްލަކީ ޤުދުރަތީ ފެހިކަން އިތުރު ކުރުމެވެ. ފަތްގިނަ، އަވަހަށް ހެދޭ ބޮޑެތި ގަސްގަހަކީ ޖައްވު ތެރެއަށް އަހަރުމެން ދޫކުރާ ވިހަ މާއްދާތައް ނައްތާލާ، އިންސާނާ ދިރިހުރުމަށް ބޭނުންވާ އޮކްސިޖަން އުފައްދާދޭ ވަރުގަދަ ނިޢުމަތެކެވެ. މި ހަޤީޤަތް ޤަބޫލުކޮށް ދުނިޔޭގެ ގިނަ ސީޓީތަކުގެ ލިވެބިލިޓީ (ދިރިއުޅެން އެންމެ އެކަށީގެންވާ މާހައުލު) އުފެއްދުމުގައި އެ ސިޓީ ތަކުގައި ގަސްތައް ހިމާޔަތް ކުރެއެވެ. ގަސްގަހާގެހި ހެއްދުން އާލާ ކުރެއެވެ. ދިވެހިރާއްޖޭގައި ފެންނަމުންދަނީ މިއާ ދިމާ އިދިކޮޅު މަންޒަރުތަކެވެ. މާލޭ ސިޓީގައި ހުރި ބޮޑެތިގަސްތައް އިނގިލިން ގުނާލެވޭ ވަރަށް މަދުވެފައި ވަނިކޮށް، އަދިވެސް ދަނީ ގަސްތައް ކަނޑަމުންނެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި އެކި ނަންނަމުގައި ހިންގާ މަޝްރޫޢުތަކުގެ ބޭނުމަށް، ތިމާވެއްޓަށް ކުރާނެ އަސަރު ކުޑަކުރުމަށް ބެލުމެއްނެތި، ފަރުވާލެއްނެތި ބޮޑެތި ގަސްގަހާގެހި ކަނޑާ، ރަށުގެ ހޭޅިތައް ހަލާކުކޮށް ރަށްތައް ހަނަފަސް ކުރަމުންދާ ކަމީ އަންނަންއޮތް ޖީލުތަކަށް ވެވޭ ޚިޔާނާތެކެވެ. ގަހަކީ ގިނަ އަހަރުތަކަކުން އޭގެ މަންފާ ލިބޭނޭ އެއްޗެކެވެ. މުސްކުޅި ބަހެއްގައިވާ ގޮތުން ނަމަ އަދު އަހަރެން އިންދާ ގަހަކީ އޭގެ ހިޔާގެ ނަފާ އަހަރެން ލިބިގަންނަން އިންދާ ގަހެއް ނޫނޭވެ – އެއީ ދަރިންނަށް ލިބޭނެ ނަފާއެކެވެ.

ރާއްޖޭގެ ރަށްރަށުގައި ހެދޭ ދިވެހިރުއް، ނިކަ، ފުނަ، ކިނބި، ހިރުނދު، ދިއްގާ، އުނި، ބަނބުކެޔޮ، އަނބު، މިދިލި، ކަށިކެޔޮ މިފަދަ ގަސްތަކަކީ އަހަރުމެން ދިވެހިންގެ ގުދުރަތީ ތަރިކައިގެ ހިއްސާއެކެވެ. މި ނޫނަސް ރާއްޖޭގެ ވެށީގައި ހެދޭ ކޮންމެ ގަހަކީ އަހަރުމެން ދިވެހިންގެ ރަށްތަކުގެ ޤުދުރަތީ މުއްސަނދިކަމާއި އެ ޤުދުރަތީ މުއްސަނދިކަމުން އަހަރުމެންނަށް ގުނާ އަދަދު ނުކުރެވޭ ސިއްހީ، އިޖްތިމާއީ އަދި އިޤްތިޞާދީ ފައިދާ ލިބޭ ވަސީލަތްތަކެވެ.

ދިރިހުރި ވެށި ހަލާކުކޮށްފައި ބިލްޑިންގ ތަކުގެ ފާރުގަ ކުލަ ކުލައިން ވިނަ އާއި ގަސްގަހާ ގެއްސާއި ގަހުގެ މޫ ކުރެހި އެއް ކަމަކު، ގަހަކުން ދޭ މާހައުލީ ނިޒާމްގެ ޚިދްމަތެއް ނުލިބޭނެއެވެ. އެ ކުރެހުމަކުން، ޖައްވުގައިވާ ވިހަ މާއްދާތައް ނައްތައެއް ނުލެވޭނެއެވެ. އޮކްސިޖަނެއް ނުއުފެއްދޭނެއެވެ. އެ ކުރެހުމަކުން މޭވާ އެއް ތަރުކާރީ އެއް ގޮވާމެއް ފަލަމަޑިއެއް ނުލިބޭނެއެވެ. ރަށުގެ ރައްކަލަށް ފަސްގަނޑު ހިފަހައްޓައެއް ނުދޭނެއެވެ. އެފަދަ މަންޒަރުތަކުން ދަރިވަރެއްގެ އިލްމީ ތަނަސްވަސް ކަން އިތުރުވާނެ ޖާގަނުދޭ ހިނދު، ދެވެނީ ވެށްޓާއި ދިރުންތަކަށް ގެއްލުން ދިނުމުގެ ފިލާވަޅުތަކެކެވެ.

ދުނިޔޭގައި މިއަދު ތިބި ދިވެހީންނަށާއި މި ދިވެހީންގެ ދަރިންގެ ޖީލުތަކަށް، އަހަރުމެންނަށް ކޮށްދެވޭނެ އެންމެ ހެޔޮ، އެންމެ ފައިދާ ހުންނާނެ އެއްކަމަކީ އަހަރުމެންގެ މިވެށި ފެހި ކުރުމެވެ.
ވެށީގައިވާ ދިރުންތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމެވެ.
މި ނިއުމަތްތަކުގެ އަގު ވަޒަންކޮށް، ފަނާކުރުން ހުއްޓާލުމެވެ.

 


2024-02 Trees logos collage