OPEN LETTER

Villimale Funavaa [SaveMaldives] aerial

ހުޅުވާލެވިފައިވާ އާންމު ސިޓީ، 1 އެޕްރިލް 2026، މާލެ، ދިވެހިރާއްޖެ


ކ. ވިލިނގިލީގެ ދުވަސްވީ ފުނަވާ އަދި ފެހި ގަސްކަރަ ހަލާކަށް ހުށަހެޅުމާބެހޭ ކަންބޮޑުވުންތައް

1. ވިލިމާލެ – ޖަޒީރާވަންތަ ހަމައެކަނި އަވަށް

ގްރޭޓަރ މާލެ ސަރަހައްދަކީ އެކަށީގެން ނުވާވަރަށް މީހުންނާއި އުޅަނދުފަހަރު އިތުރުވެ ކާރުބާރު ބޮޑުވެ ތޮއްޖެހިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައި މިހާރުވެސް މުޅިރާއްޖޭގެ އާބާދީގެ %41 މީހުން ދިރިއުޅެއެވެ. މީގެ އާޚިރު ނަތީޖާއަކަށް ވެފައިވަނީ މާލޭގެ ގުދުރަތީ ފެހިކަމާއި ފިނިކަން ނެތިގޮސް، އިންތިހާއަށް ހޫނުގަދަވެ، ނޭވާލާވައި ސިއްހަތަށް ގެއްލުންވާ މިންވަރަށް ނުސާފުވެ، އާންމުސިއްހަތު ނުރައްކަލަށް ހުށަހެޅި، ގިނަ ރައްޔިތުން ތަކެއް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިމަޑުކަމަށް ހުށަހެޅިގެން ދިއުމެވެ. އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެ، ޚާއްސަ ގޮތެއްގައި ކުޑަކުދިންނާއި ދުވަސްވީ ރައްވެހިންގެ އާންމު ސިއްހީ ހާލަތު ދަށަށްދިއުމެވެ. މާލޭގައި ދިރިއުޅޭ މީހުން ކުޑަޚަރަދެއް ކޮށްގެން ހަމަނޭވާލުމަށް މީގެކުރިން ދަތުރުދިއުމަށް ބޭނުންކުރި ކުޑަބަނޑޮސްވެސް ވަނީ 2013 ގައި އާންމު ރައްޔިތުންގެ ކިބައިން މަހުރޫމު ކޮށް، މުއްސަނދި ސިޔާސީ ވިޔަފާރިވެރިންގެ މަންފާއަށް ދޫކޮށްފައެވެ.

އެހެންކަމުން، ކ. ވިލިނގިލި (ވިލިމާލެ) އަވަށަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ގުދުރަތީ ވެށިން ހިތްހަމަޖެހުން ހޯދުމަށް އަތްފޯރާފަށުގައި ދެވެން އޮތް ޖަޒީރާވަންތަ ސިފަ މުޅިން ނުގެއްލި އޮތް ހަމައެކަނި ތަނެވެ. ވިލިމާލެއަކީ ދުޅަހެޔޮ ސާފު ވެށްޓެއް ގާއިމްކުރުމުގެ މަގްސަދުގައި ރާއްޖޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފައިވާ ހަމައެކަނި ރަށެވެ. ވުމާއިއެކު، މި ރަށަކީ ޖަޒީރާވަންތަ ގޮތުގައި ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ރަށަކަށްވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ވިލިމާލޭގެ ޒަމާންވީ ފުނަވަލާއި، ރަށުތެރޭގައި ހުރި ދުވަސްވީ ބައެއް ގަސްތަކަކީ މުޅި ސަރަހައްދުގައިވެސް ނެތްފަދަ މަދު ގުދުރަތީ ތަރިކައަކަށް އަދި އާންމު ރައުސްމާލަކަށް އަދު ވަނީ ވެފައެވެ. ނަމަވެސް މި މަދު ގަސްގަހާގެހީގެ ގުދުރަތީ ވަސީލަތް އަދު އޮތީ ދާއިމަށް ނެތިދިއުމުގެ ނުރައްކަލަށް ހުށަހަޅާފައެވެ.

2. ވިލިމާލެ ފުނަވަލާއި ރުއްގަސް – ހިމާޔަތްކުރަން ޖެހޭ

ވިލިމާލޭގެ ފުނަވަލަކީ އެރަށުގެ އެންމެ ޒަމާންވީ ރުއްގަސް ސަލާމަތުންހުރި ސަރަހައްދެވެ. އެ ސަރަހައްދުގައި 100 އަށްވުރެ ގިނަ ރުއްގަހާއި އުމުރުން އެތައް ދަހަރުތަކެއްވީ ފުނަގަސްތައް ހިމެނެއެވެ. ނަމަވެސް ޖަނަވަރީ 2026 ގައި ސަރުކާރުން ވަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ފުނަވަލުގެ ސަރަހައްދުގައި 17 ބުރީގެ 3 ޓަވަރު އެޅުމަށް، ބޯހިޔާވަހިކަމުގެ ނަމުގައި މަޝްރޫއުއެއް ފެށުމަށް ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން ކުންފުންޏާއި ހަވާލުކޮށްފައެވެ. ލިބެން ހުރި މައުލޫމާތުން ސާފުވަނީ ފުނަވަލަށް ބޮޑެތި އަސަރުތަކެއް ކުރާނެގޮތަށް 300 ފުލެޓު ހިމެނޭ 3 ޓަވަރު އެޅުމަށް ރޭވިފައިވާ ކަމެވެ. އަދި ފުނަވަލަށް ގެއްލުން ނުވާނެ ގޮތަށް ކުރާނެކަމަށްބުނެ، މިވަރުގެ ބިނާތަކެއް ވަލުގެ ސަރަހައްދު ބޭނުންކޮށްގެން ހެދުމަށް ތައްޔާރުވަމުންދާއިރު، މިއީ މި ގަސްތަކާއި، މުޅި މާހައުލީނިޒާމު އެގޮތުގައި ދަމަހައްޓާ ދިރުންތަކަށް އިޔާދަނުކުރެވޭނެ ގެއްލުންވާނެ މަޝްރޫއެއްކަން ވަރަށް ސާފެވެ.

ވިލިމާލޭގެ 30 ނަންބަރު ބުލޮކުގައި ހުރި ފުނަ ގަސްތަކަކީ ހިމާޔަތް ކުރެވިފައިވާ ގަސްގަހާ ގެހީގެ ދަފްތަރުގައި ހިމެނިފައިވާ ގަސްތަކެކެވެ. އެއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ހިމާޔަތްކުރެވިފައިވާ ގަސްގަހެވެ. މި އެންމެހާ ކަންކަމަށް ރިއާޔަތްކޮށް، ޒިންމާދާރު މަގު ޚިޔާރުކޮށް، މި މަޝްރޫއު ވިލިމާލެ ނޫން ތަނަކަށް ބަދަލުކުރުމަށް ސަރުކާރަށާއި ކަންނިންމުމުގައި ބައިވެރިވާ ޕަބްލިކް އަދި ޕްރައިވެޓް ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. ރާއްޖޭގެ ދިރިއޮތް ވެށްޓާއި އާންމު ސިއްހަތު ރައްކާތެރި ކުރުމާއި، ޤާނޫނީ ހަމަ ނެގެހެއްޓުމުގެ ޒިންމާއަކީ ޕްރައިވެޓް ކުންފުނިތައް އިސްތިސްނާވާ ކަމެއް ނޫންކަން މި މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ ސަމާލުކަމަށްޓަކައި ހަނދާންކޮށްދެމެވެ.

3. ޗައިނާ ސަރުކާރަށް ގޮވާލަން

މީގެ އިތުރުން ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގެދަށުން 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވެއެވެ. މިއީވެސް ވިލިމާލޭގެ ޒަމާންވީ 50 އެތައް ގަހެއް ހުރި ސަރަހައްދަކަށް އަމާޒުކޮށް ނިންމާފައިވާ ނިންމުމެކެވެ. ރައްޔިތުންގެ އާންމު ސިއްހަތާއި މަސްލަހަތަށް ސަމާލުކަން ނުދީ މި މަޝްރޫއު ވިލިމާލޭގައި ހިންގުމުގެ މާނައަކީ ކޮބައިކަން ސާފެއް ނުވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީފަރުވާގެ ހާލަތު އިންތިހާއަށް ދަށްވެ، ރައްޔިތުންގެ އަތުން ބޮޑު ޚަރަދުތަކެއް ކޮށްގެން މާލޭގެ އައި.ޖީ.އެމް ހޮސްޕިޓަލަށް އައުމަށް މަޖުބޫރުކުރެއެވެ. ނަމަވެސް އަތޮޅުތެރޭގައި ލިބެންހުރި ސިއްހީ ޚިދުމަތަށް ތާއަބަދު އިހުމާލުވެ، އަދިވެސް މާލެ ސަރަހައްދަށް މިފަދަ ސިއްހީ މަރުކަޒުތައް އިތުރު ކުރުމަކީ މި ސަރަހައްދު އިތުރަށް ތޮއްޖެއްސުމެވެ. އަދި މިއީ ރާއްޖޭގެ މުޅި ސިއްހީނިޒާމު ހަރުދަނާވެގެންދާނެ ކަމެއްވެސްނޫނެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީވެސް އެކަށީގެންވާ ފެންވަރެއްގައި ނުހިންގިގެން އުޅޭ ތަނެކެވެ. ސަބަބަކީ އެކަށީގެންވާ ފެންވަރަށް އިންސާނީ ވަސީލަތާއި ފަރުވާދިނުމުގެ އިންތިޒާމުތައް ގާއިމްކުރެވިފައި ނެތުމެވެ. އެހެންކަމުން ދުވަސްވީ ރުއްގަހުގެ ތަރިކަ ނައްތާލައިގެން އިތުރު ބިނާތަކެއް ހެދުމަކީ ދިވެހިރައްޔިތުންގެ އާންމު ސިއްހަތަށް ލިބޭނެ ކުރިއެރުމެއް ނޫނެވެ. އޭގެ ބަދަލުގައި ސިއްހީދާއިރާ ހަރުދަނާކުރުމަށް ކުރަންޖެހިފައިވާ ކަމަކީ އިންސާނީ ވަސީލަތްތައް ކުރިއެރުވުމެވެ. ހައްގު އުޖޫރަ ސިއްހީ މަސައްކަތްތެރިންނަށް ދިނުމެވެ. ރީޖަނަލް ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ހަރުދަނާކޮށް، ޓާޝަރީ ފެންވަރުގެ ތަންތަނަށް ބަދަލުކުރުމެވެ. ޗައިނާސަރުކާރުގެ މަދަދުގައި ދިވެހިރައްޔިތުންނަށް ބަދަހިކަމުގެ ހަދިޔާއެއް ދިނުމަށް އެދޭނަމަ ރާއްޖޭގެ އަތޮޅުތަކުގައިހުރި ސަރަހައްދީ ހޮސްޕިޓާތަކުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޗައިނާ ސަރުކާރަށް މިފުރުސަތުގައި ގޮވާލަމެވެ.

4. ނިންމުން – ދިވެހި ސަރުކާރަށް ގޮވާލަން

މަތީގައިވާ ކަންކަމަށް ރިއާޔަތްކޮށް، 17 ބުރީގެ 3 ޓަވަރު ވިލިމާލޭގެ ރުއްގަސްތައް ނައްތާލައިގެން އެޅުމުގެ ބަދަލުގައި މިކަންކުރުމަށް އެކަށޭނަ ހުސްބިމެއްގައި ކުރުމަށް ސަރުކާރަށް ގޮވާލަމެވެ. މާލެސަރަހައްދުގައި ހުރި މިފަދަ ހިއްކި ހަނަފަސް ބިންތަކުގެ ތެރޭގައި ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު އަދި ފުށިދިއްގަރު ފަޅުވެސް ހިމެނެއެވެ. މިހުރިހާ ތަންތަނާއި، ރާއްޖޭގެ 58 ރަށެއްގައި ހިއްކާފައިވާ ބިންތަކަކީ ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ ނަމުގައި އެކި ސަރުކާރުތަކުން ހިއްކާފައިވާ ބިންތަކެވެ. އަދި އެތަންތަނަކީ ދިރިއޮތް ފަރުފަޅު ދާއިމަށް ފަނާކޮށްގެން، ރައްޔިތުންގެ ދަރަނީގެ ބޮޑުހޭދައެއް ކޮށްގެން ހިއްކާފައިވާ ބިންތަކެވެ. ނަމަވެސް އެތަންތަނުގެ ބޭނުން ނުހިފާ، މަދުވަމުންދާ ދުވަސްވީ ރުއްގަސް ނައްތާލައިގެން މިފަދަ ބިނާތައް ހެދުމަށް އުޅުމަކީ ބޯހިޔާވަހިކަމުގެ ހައްލު ރައްޔިތުންނަށް ހޯދުމުގެ ނިޔަތެއްގައި ކުރާކަމެއްކަމަށް ބެލޭނެ ޖާގައެއް ނެތެވެ. ހަމަ އެފަދައިން 100 އެނދުގެ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ޚިދުމަތްތަކުން މަހުރޫމު ވެފައިވާ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ލުއިހޯދަން ކުރާކަމެއްގެ ގޮތުގައި ނުދެކެމެވެ. ރާއްޖޭގެ ރައްޔިތުންނަށް ދެމުންދާ ސިއްހީފަރުވާ ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަމަކީ ބިނާތަކެއް ހެދުމުގެ ބަދަލުގައި، ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓާތައް ހަރުދަނާކޮށް ދެވޭފަރުވާގެ ފެންވަރު މަތިކުރުމަށް އަމަލީގޮތުން މަސައްކަތް ކުރުމެވެ.


މި އާންމު ސިޓީއަށް ތާއީދު ކޮށް، އެންޑޯޒް ކުރައްވަން ބޭނުންވާ ފަރުދުން އަދި އެހެނިހެން ފަރާތްތަކުންވެސް މި ކެމްޕޭނުގެ އީމެއިލް މެދުވެރިކޮށް މިކަން އަންގަވައި ދެއްވުން އެދެމެވެ. އެންޑޯޒް ކުރައްވާ ފަރާތުގެ ނަމާއި ރަށް، މި ވެބްސައިޓުގައި ލިސްޓު ކުރެވޭނެއެވެ.


މި ސިޓީއަށް ތާއީދު ކުރާ ފަރާތްތައް :

 

  1. ރާފިލް މުހަންމަދު
  2. ޕްރޮޖެކްޓް ތިމާވެށި
  3. ގްލޯބަލް ސިޓިޒަން ސޮސައިޓީ
  4. ސޭވް ދަ ބީޗް މޯލްޑިވްސް

Villimale Funavaa [SaveMaldives] [1200]