އައްޑޫ ފަނާކުރުމުގެ މަޝްރޫއާއިބެހޭ ކަންބޮޑުވުން – މަދަނީ ޖަމިއްޔާތަކުގެ ނޫސްބަޔާން

Logos of Participating CSOs
Logos of Participating CSOs

އައްޑޫ ފަނާކުރުމުގެ މަޝްރޫއާއިބެހޭ ކަންބޮޑުވުން – މަދަނީ ޖަމިއްޔާތަކުގެ ނޫސްބަޔާން

ނޫސްބަޔާން: 15 ފެބްރުއަރީ 2022

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި ހިލާފަށް ފަރުމާކޮށްފައިވާ “އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ގެ މަޝްރޫއު ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް ޖަމިއްޔާތަކުން ގޮވާލަން!

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އެކަމުން ލިބެމުންދާ ގެއްލުންތަކުން އެންމެ ނޭދެވޭ އަސަރު  ތަހައްމަލުކުރަން ޖެހިފައިވާ އެއް ގައުމަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ދިވެހިރާއްޖެއެވެ. އެންމެ ފަހުން އާންމުކޮށްފައިވާ ދުނިޔޭގެ ސައިންޓިސްޓުން އިއްތިފާގުވާ އައި.ޕީ.ސީ.ސީގެ ރިޕޯޓުގައިވެސް ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުން ދިވެހިރާއްޖެ ފަދަ ބިން ތިރި ގައުމުތަކަށް ބޮޑެތި ގެއްލުން ލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ. ކަންމިހެން އޮތް ނަމަވެސް ދިވެހިރާއްޖޭގައި ހިންގަމުންދާ ގިނަ މަޝްރޫއުތައް ފަރުމާކުރެވެމުން މިދަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށާއި އެ މާހައުލީ ނިޒާމުތަކުގެ ދިރުންތަކަށާއި އަދި އެތަންތަނުގެ ބޭނުން ހިފަމުން އަންނަ ފަރާތްތަކަށް ނުހަނު ބޮޑެތި ގެއްލުންވާގޮތަށެވެ. އެގޮތުން އައްޑޫ ސިޓީ ތަރައްގީކުރުމަށް ސަރުކާރުން އެކުލަވާލައިފައިވާ “އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ގެ ދަށުން އައްޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެ ސިޓީގެ އިގްތިސާދު ކުރިއެރުވުމަށް އަލަށް 5 ރިސޯޓެއް ތަރައްގީކުރުމަށް 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ އީއައިއޭ ރިޕޯޓެއް ވަނީ އީޕީއޭއަށް ހުށައަޅާފައެވެ. މި މަޝްރޫއު ހިންގައިފިނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށް އަގު ނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ އިރު، މިއީ މިކަމާމެދު މި ޖަމްއިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވެއެވެ. އެއީ ގާތްގަނޑަކަށް 465 ފުޓްބޯޅަ ދަނޑުގެ ތެރެއަށް 2 މީޓަރު އުސްމިނަށް އަޅާނެހާ ވެއްޔެވެ. އަދި މިކަމަށް ބޭނުންވާ ވެލި ނަގާނީ އައްޑޫގެ އެތެރެވަރިން 2 ސަރަހައްދަކުންކަމަށް އީއައިއޭ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. މި ދެސަރަހައްދަށް އެއްކޮށް ބަލާނަމަ އެއީ މުޅި އެތެރެވަރީގެ %42 ގެ ސަރަހައްދެެކެވެ. މިފަދަ ބޮޑު އަދަދަކުން މި ގޮތައް ވެލި ކޮނެ ނެގުމަކީ އައްޑު އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުން ލިބޭނޭ ކަމެކެވެ. އަދި މި ރިޕޯޓު ތައްޔާރުކުރުމަށް ހެދުނު ދިރާސާތަކާއި ކަމާއިބެހޭ ފަރާތްތަކުންވެސް މިކަން ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ބޮޑު އަދަދެއްގެ ވެލި ނަގާ ބިންހިއްކުމުން އެ ސަރަހައްދެއް މުޅިން ކިލަނބުވެ، ކަނޑާއި ކަނޑުގައިވާ މުރަކަ ފަރުތަކާއި މަސްމަހާމެހީގެ ވެށިތައް ހަލާކުވެ މަރުވެގެންދާނެއެވެ. އަދި އަތޮޅު އުފެދިފައވާ ގޮތުން މާކަނޑަށް ވަދެ ނުކުމެވޭ 4 ކަނޑުއޮޅި އޮންނަ އިރު ދެ މޫސުމުގައިވެސް އަތޮޅުގެ އޮއިވަރު އޮންނަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައިކަމަށް އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ވެލި ނަގާ ސަރަހައްދުން ފެށިގެން 5 ކިލޯމީޓަރަށް ވުރެވެސް ބޮޑު ސަރަހައްދަކަށް ކިލަނބުގެ އަސަރުކުރާނެ ކަމަށް ލަފާކޮށްފައިވާއިރު އޮއިވަރު ހިފެހެއްޓިފައި އޮތުމުން އަތޮޅުގެ އެތެރެވަރީގައި އުފެދިގެންދާ ކިލަނބުގަނޑު ސާފުނުވެ ދިގު މުއްދަތަކަށް އޮންނާނެކަމީ ކަންބޮޑުވާންޖެހޭ ބޮޑު  މައްސަލައެކެވެ. އަދި މިފަދަ ބޮޑު ގެއްލުމެއް އައްޑުއަތޮޅަށް ދޭނޭފަދަ މަޝްރޫއެއް ދައުލަތުން ހިންގުމަކީ ތިމާވެށި ހިމާޔަތްކުރުމަށް ޤާނޫނު އަސާސީގައިވާ ދެމެހެއްޓެނިވި ތަރައްގީގެ މިންގަނޑުތަކުން ބޭރުވެ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނުތަކާ ޚިލާފުކަމެއްކަން ސަރުކާރަށް ހަދުމަކޮށްދެމެވެ.

 އީއައިއޭ ރިޕޯޓުން ދައްކާގޮތުން މިމަޝްރޫއުގެ ސަބަބުން ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކައަށާއި 120 ހެކްޓަރުގެ މޫދު ވިނައިގެ މައްޗަށް ކިސަޑު އެޅިގެން ދާނެއެވެ. މޫދުވިނައިގެ ސަބަބުން ވަށައިގެންވާ މާހައުލަށް އަހަރެއްގެ މައްޗަށް 6.4 މިލިއަން ޑޮލަރުގެ ފައިދާ ލިބޭނެ ކަމަށް ބެލެވޭ އިރު ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބަލައިފިނަމަ 21 ހެކްޓަރުގެ މުރަކަ އަގުކުރުމުން 343-858 މިލިއަން ޑޮލަރަށް އަރައެވެ.

އަދި މީގެ އިތުރުން އައްޑޫގައި ތިމާވެށީގެ ގޮތުން ފާހަގަކުރެވޭ ހާއްސަ ސަރަހައްދުތަކެއް ހިމާޔަތްކޮށް،  އިޔާދަކޮށް ބަލަހައްޓައި، އަދި އެތަންތަނުގައި އުޅޭ ދިރުންތައް ރައްކާތެރިކުރުމަށް ބާރުއަޅައި 2020 ވަނަ އަހަރު ވަނީ ބައޮސްފިއާ ރިސާވްގެ ލަގަބު ދީފައެވެ. ނަމަވެސް މިކަމަށް އެއްވެސް ބެލުމެއް ނެތި މި މަޝްރޫއު ހިންގައިފިނަމަ މި ރިސާވް ހަލާކުވެ ފަނާވެގެންދާނެކަމީ ސާފުކޮށް ދޭހަވާންއޮތް ކަމެކެވެ. މި މަޝްރޫއަށް ވެލި ނަގާ ސަރަހައްދުތަކާއި ކައިރީގައި ހުރި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު ފަދަ ސަރަހައްދުތަކަށްވެސް އެތައް ގެއްލުމެއް ކުރިމަތިވާނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ވެލި ނަގާ އެ ސަރަހައްދުގައި އުފެދޭ ކިލަނބުގަނޑު ނުފިލާ ގިނަ ދުވަސްވުމަކީ މަންޓާ ޕޮއިންޓުން މަންޓާ މަދުވެ، ކުޑަ ކަނޑު ސަރަހައްދުން ފެންނަ ކޯމަހާއި ވެލާ، މަޑި އަދި އެހެނިހެން މަހުގެ ބާވަތްތަކަށާއި ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަމެކެވެ.

އައްޑޫ އަތޮޅުގެ އެތެރެވަރީގެ ދިރިއޮތް މާހައުލީ ނިޒާމުތަކަކީ އެ އަތޮޅުގެ ޓޫރިޒަމްއާ ވަރަށް ބޮޑަށް ގުޅިފައިވާ ކޮންމެހެން ބޭނުންވާނެ ތަންތަނެވެ. އެގޮތުން މަތީގައި ފާހަގަކުރި ދެ ސަރަހައްދާއެކު އަދި ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން ބޭނުންކުރި މަނަވަރެއް ފައްތާފައިވާ ބްރިޓިޝް ލޯޔަލްޓީ ޝިޕްވްރެކް ސަރަހައްދަކީވެސް ގިނަ ބަޔަކު ޑައިވްކުރާ ސަރަހައްދުތަކެވެ. އީއައިއޭ ރިޕޯޓުން އަންދާޒާކުރާ ގޮތުގައި މި ސަރަހައްދުތަކުން ފެންނަ މިޔަރު ފަދަ ދިރުންތައް މަދުވުމަކީ އައްޑޫގެ ޓޫރިޒަމް އިންޑަސްޓްރީއަށް 17- 27.4 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަމެކެވެ. އަދި މިހާރުވެސް އައްޑޫގައި އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓް ކުރުމަށް ނުކުޅެދިފައިވާ އެތަށް ރިސޯޓުތަކެއް ހުރި އިރު މި ސަރަހައްދު ފަނާވެގެން ދިއުމަކީ އެތަންތަނަށް ބަރޯސާވާ ރައްޔިތުންނަށް އެތައް ގެއްލުމެއްލިބޭނެ ކަމެކެވެ. މިފަދަ ހާލަތެއްގައި އައު ރިސޯޓުތައް މި އަތޮޅުގައި ހެދުމަކީ ރައްޔިތުންނަށް އޭގެއިން އިތުރު މަންފާއެއް ލިބޭނެކަމެއްކަމަށް ޖަމްއިއްޔާތަކުން ނުދެކެމެވެ. އެހެންކަމުން މިފަދަ ތަންތަން ނައްތާލާއި ކުރިއެރުވޭނީ ކޮން ކަހަލަ ޓޫރިޒަމްއެއްތޯ އާއި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދިކަން ނައްތާލާފައި ރައްޔިތުންނަށް ލިބޭ ނަފާއަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. މީގެ ކުރިން ހިންގުނު ބިންހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރުތައް އައްޑޫއިންވެސް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ފޭދޫ ހިއްކުމުގެ ފަހުން އެ ސަރަހައްދުގެ އެތެރެވަރި ކިލަނބުވުމުގެ ސަބަބުން ވަނީ މަސްވެރިކަމަށްވެސް ނޭދެވޭ އަސަރުތަކެއްކޮށްފައެވެ. އޭރު އެންވެރިކަން ދަށްވެ މަސްވެރިން އެންވެރިކަމަށް ދަތުރުކޮށްފައިވަނީ ހުވަދޫ އަތޮަޅަށެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ އެންވެރިކަމަށް އަސަރުކޮށް އަތޮޅުގެ މަސްވެރިކަަމަށް އިޔާދަނުކުރެވޭ ގެއްލުންވުމަކީ ޖަމްއިއްޔާތަކުން ނުހަނު ކަންބޮޑުވާކަމެކެވެ.

ކަން މިހެން އޮތް އިރު މިފަދަ ބޮޑު ގެއްލުމެއް ލިބޭ މަޝްރޫއެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިގޮތަށް ހިންގޭ މަޝްރޫއުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބިދީފައިނުވާ ހިނދު، މިމަޝްރޫއިން ލިބޭނެ ފައިދާ ބުނެދޭއިރު އެއީ އެއްވެސް ހެއްކެއްގެ މައްޗަށް ބުރަނުވާ ވާހަކަތަކަކަށް ވާއިރު މިފަދަ މަޝްރޫއުތައް ހިންގުމަކީ ރައްޔިތުން ނޭގުމެއްގެ ތެރޭގައި ބައިތިއްބާ ފަހުން އޭގެ ދަތި އުނދަގޫ ތަހައްމަލުކުރަން ޖެހޭނެކަމެކެވެ. މި ބީދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައިރިމާޒީގައި ހިންގާފައިވާ އެހެންމަޝްރޫއުތަކުން މިކަން ސާފުވާން އޮތްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެހެންކަމުން، މިފަދަ މަޝްރޫއުތައް ހިންގަނީ ހަގީގަތުގައިވެސް ރައްޔިތުންގެ ލާބަ އާއި ފައިދާއަށް ވިސްނާފައިތޯ ސުވާލުއުފެދެއެވެ. އަދި ހެދިފައިވާ ދިރާސާތަކާއި، ލިބޭ ލަފަޔާއި ދެކޮޅަށް ވަކި ބައެއްގެ ވަގުތީ ފައިދާއަށް މިފަދަ ގެއްލުން ދެނިވި މަޝްރޫއުތައް ހުއްޓުވުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ.

މަތީގައިވާ ކަންކަމަށް ރިއާޔަތްކޮށް އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި މިފަދަ އެހެން ގާނޫނުތަކާއި ގަވާއިދުތަކުން މަނާކޮށްފައިވާ ކަމަކަށް ވާތީ މި މަޝްރޫއު ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސަރުކާރުން އެކި ބައިނަލްއަގްވާމީ މުއާހަދާތައް ބަލައިގަނެފައިވާ ހިނދު އަދި ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތު ކުރާ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތުގައި ތިމާވެށްޓާ އެއްކީލިވާގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ޖަމްއިއްޔާތަކުން ގޮވާލަމެވެ.

މީގެ އިތުރުން ސަރުކާރުގެ ކޮންމެ މަޝްރޫއަކީވެސް ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ފުރިހަމައަށް ރައްކާތެރިކޮށް، އެ ވަސީލަތްތަކުން ރައްޔިތުންނަށް ނަފާހޯދޭނެކަން އަދި މަންފާވާނޭކަން ކަށަވަރުކުރެވޭނޭ ގޮތަށް ކުރިއަށް ގެންދާމަޝްރޫއު އަކަށްހެދުމަށް ގޮވާލަމެވެ. އަދި ކޮންމެ މަޝްރޫއަކީވެސް ރާއްޖެއަށް މިވަގުތު ދިމާވެފައިވާ މޫސުމީ ކާރިސާތަކުން ސަލާމަތާއި ރައްކާތެރިކަން ލިބޭނެ ގޮތަށް ނުހަނު އިސްކަންދީގެން ހިންގާ މަޝްރޫއަކަށް ވާންޖެހޭކަން މިފުރުސަތުގައި ސަރުކާރަށް ހަނދާންކޮށްދެމެވެ.

 އަދި ސަރުކާރުން ވައުދުވެފައިވާ ގޮތަށް އީޕީއޭއަށް މިނިވަންކަމާއެކީ މަސައްކަތް ކުރުމުގެ ބާރު ދިނުމަށްވެސް ގޮވާލަމެވެ.