ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގަމުންދާ ކުށްތަކާއި ޖަރީމާތައް ވަގުތުން ހުއްޓުވުމަށާ ތަކުރާރުވިޔަ ނުދިނުމަށް
އެފަދަ ޖަރީމާތައް ތަހުގީގުކޮށް ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކާދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަން

ނޫސް ބަޔާން –24 ޖެނުއަރީ 2021
ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގަމުންދާ ކުށްތަކާއި ޖަރީމާތައް ވަގުތުން ހުއްޓުވުމަށާ ތަކުރާރުވިޔަ ނުދިނުމަށް އެފަދަ ޖަރީމާތައް ތަހުގީގުކޮށް ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކާދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަން
ދިވެހިރާއްޖެއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުގެ އެންމެ ބޮޑު ޝިކާރައަކަށްވެ، އެކަމުގެ ސަބަބުން އިޔާދަނުކުރެވިދާނޭ ފަދަ ބޮޑެތި އަސަރުތައް ތަހައްމަލްކުރަންމުންދާ އަދި ކުރަންޖެހޭ ފަދަ ނާޒުކު ތިމާވެއްޓެއްލިބިފައިވާ ގައުމެކެވެ. މިގައުމުގެ އެންމެ ބޮޑު ރައުސްމާލަކީ ގައުމުގެ ގުދުރަތީ ވަސީލަތްތަކެވެ. މިސާލަކަށް ފަރުތަކާއި އެތަނުގައިވާ ދިރުންތަކަކީ، ރަށްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގައުމުގެ އިގްތިސާދީ މައިނާރުތައް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވާ ވަސީލަތްތަކެކެވެ. މި އަގުނުކުރެވޭފަދަ ގުދުރަތީ ވަސީލަތްތަކަށް އެކިއެކި ގޮތްގޮތުން ގެއްލުން ދީ ތިމާވެށީގެ ބޮޑެތިކުށްތަކާއި ޖަރީމާތައް (އެންވަޔަރަންމަންޓަލް ކްރައިމްސް) ހިންގަމުންދާއިރު އެކަމަށް ދައުލަތުން ދޭންޖެހޭ އަހައްމިއްޔަތުކަންނުދީ އަދި އެކަންކަން ކުށްވެރިކޮށް އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ނުދާ ކަމީ މިޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ. މިއީ ތިމާވެއްޓަށް އަގުނުކުރެވޭ ބޮޑެތި ގެއްލުން ލިބޭނެފަދަ ޖަރީމާތައް ހިންގުމަށް ދެވޭ ހިތްވަރެއްކަމުން، އެކަން ނުހަނު ކަންބޮޑުވުމާއި އެކު މިޖަމިއްޔާތަކުން ފާހަގަ ކުރަމެވެ.
ގިލިލަންކަންފުށި ރިސޯޓުގެ އިސްވެރިންނާއި މުވައްޒަފުން، ކ. ހިންމަފުށީ ކައިރީގައިވާ ފިނޮޅެއް ހަލާކުކޮށްލުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް މީސް މީޑީއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ދައްކުވައިދެނީ ނުހަނު ހިތާމަވެރި އަދި ނުހަނު ކަންބޮޑުވާ މަންޒަރުތަކެކެވެ. ވިޔާފާރިތަކުން ހިންގާ މިފަދަ އަމަލުތައް މި ޖަމިއްޔާތަކުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިއަމަލުތައް އެންމެ ހާމަކަން ބޮޑުގޮތެއްގައި، ފުރިހަމަ އަދި އަވަސް ތަހުގީގެއްކޮށް ކުށްވެރިވާފަރާތްތަކަށް ފިޔަވަޅުއެޅުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް މިޖަމިއްޔާތަކުން ގޮވާލަމެވެ.
މިފަދަ ނާތަހުޒީބީ އަމަލުތަކަކީ ތިމާވެއްޓަށް ގެއްލުންވާގޮތައް ހިންގަމުންދާ ކުށްތަކާއި ޖަރީމާތަކަކަށްވުމުގެ އިތުރުން، ދިވެހި ރައްޔިތުންގެ ހިތްހަމަޖެހުމާއި އިޖުތިމާއި ގުޅުން ބަދަހިކުރުމަށް، ނުހަނު މުހިއްމު ވަސީލަތްތަކެއްގެ ނިމުން ގެނުވާނޭ އަމަލުތަކެކެވެ. އެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ ތެރެއިން އާންމު ރައްޔިތުންގެ ހިތްހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން ހޯދާ ދެމެހެއްޓުމަށް ކޮންމެހެންބޭނުންވާ ގުދުރަތީ ވަސީލަތްތަށް ކަމަށްވާ ރަށްތަކާއި، ފިނޮޅުތައް އަދި ފަޅުތައް ނުއަގުގައި ވިޔަފާރިތަކަށް ވިއްކާލުމުން ދިވެހި ރައްޔިތުންނާއި ދިވެހި ކުދި ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ދަނީ ދުވަހެއް ދުވަހަކަށް މި ވަސީލަތްތަކުގެ މަންފާހޯދުމުގެ ފުރުސަތުން މަހުރޫމްވަމުންނެވެ. މިފަދަ މާހައުލެއްގައި ހުރިހާ ރައްޔިތުންނަށް އެތަނަކުން މަންފާ ލިބޭ މަދު ރަށްތަކާއި ފަރުފަޅާއި ފިނޮޅުތައް ރައްކާތެރިކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގެއްކަމަށް ދެކެމެވެ.
ރާއްޖޭގެ ރިސޯޓްތައް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެކަމަށް ބުނެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި ދެއްކި ވާހަކައަކީ ވެސް މިޖަމިއްޔާތަކުން ނުހަނު ކަންބޮޑުވުން ފާޅުކުރާ ކަމެއްކަން މިފުރުސަތުގައި ފާހަގަކުރަމެވެ. މަޖިލީހުގެ ކޮމިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ރިސޯޓްތަކުން މޫދަށް ކުނި އަޅަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށް މިނިސްޓްރީ އޮފް އެންވަޔަރްމެންޓްއިން މީގެ އަހަރުތަކެއް ކުރިން ހަދާފައިވާ ގަވާއިދަކުން ބާރުލިބިގެންނެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުން (2006) މޫދަށް ކުނިއެޅުމަށް ބާރުދޭކަމަށް ބުނާ މާއްދާ 5.3.3ގައި ބަޔާންކޮށްފައިވަނީ ކުނި އަޅަންވާނީ އަތޮޅުން ބޭރަށް ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށެވެ. އަދި އެއީ ހަމައެކަނި ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމައެވެ. އަދި މިފަދަ ހާލަތްތަކުގައިވެސް އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ތަކެއްޗެވެ. ނަމަވެސް، ރަށްރަށަށް ލައްގާފައި ހުންނަ ކުންޏާއި ފަޅުތަކާއި މޫދަށް ބަލާ ހޯދުމުން، ފަތުރުވެރިކަމުގެ ވިޔަފާރިކުރާތަންތަނުން އުކާލާ ކުނިތަކަކީ ފަނާވަނިވި ކުނި ނޫންކަމާއި، އަދި އުކާލަނީ ގަވާއިދުގައި ބުނާގޮތަށް އަތޮޅުން ބޭރަށް ކަނޑުތަކަށް ނޫންކަންވެސް އެނގެއެވެ. ހަމަ މިގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި އުފެދޭ ކުނި ނައްތާލުމަށް އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވިނަމަވެސް، ވިޔަފާރިތަކުން އެގޮތަށް އަމަލު ނުކުރުމާއި އަދި މިގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅާތަން ނުފެނުމަކީ ނުހަނުބޮޑު މައްސަލައެކެވެ. އަދި މިފަދަ ކަންކަން ބެލުމުގެ ތަންފީޒީ އިދާރާ ކަމަށްވާ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ބާރު ކެނޑިގެންދާ ފަދަ ގޮތަކަށް، ފަތުރުވެރިކަމާއި ގުޅޭކަންކަން އުނިކޮށް އެ މުއައްސަސާގެ މެންޑޭޓު އަހަރުތަކެއްވަންދެން ހަނިކުރުމަކީ މިފަދަ ޖަރީމާތަކަށް އަރައިގަތުމަށް މަގު ފަހިކުރުމަށް ކުރެވިފައިވާ ކަންކަން ކަމުގައި މިޖަމިއްޔާތަކުން ދެކެމެވެ.
ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ) ބަލައިގަނެ، އަދި ތިމާވެއްޓާއި، ގުދުރަތީ ދިރުންތަކާއި، އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަގްވާމީ އެތަކެއް މުއާހަދާތައް ބަލައިގަނެ މި މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށްވާއިރު، ރާއްޖޭގައި ހެދިފައިވާ ގާނޫނާއި ގަވާއިދުތަކުން ބާރުލިބިގެން މިފަދަ ތިމާވެށީގެ ކުށްތަކަށް އަރައިގަތުމަށް ފުރުސަތު ދިނުމަކީ އެމުއާހަދާތަކާއި ހިލާފުކަމެއްކަން މިދަނޑިވަޅުގައި ފާހަގަ ކުރަމެވެ. ރާއްޖޭގެ ތިމާވެށިން އެންމެ ބޮޑު މަންފާ ހޯދަމުންދާ ބޮޑެތި ވިޔަފާރިވެރިން ތަމްސީލުކުރާ ފަރާތަކުން މިފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ އެއްވެސް ހާލެއްގައި ދައުލަތުންވެސް އަދި ރައްޔިތުންވެސް ބަލައިގަނެގެން ވާނެ ކަމެއް ނޫނެވެ.
ފަތުރުވެރިކަމާއި މަސްވެރިކަމަށް ހުރިފައިދާއަށް ބަލާ، 2010 ވަނަ އަހަރުން ފެށިގެން، ރާއްޖޭގައި މިޔަރު ހިމާޔަތްކުރެވިފައިވާ ވީނަމަވެސް މި ޖެނުއަރީ މަހު 480 ކިލޯއަށްވުރެ ގިނަ މިޔަރުގެ އުރަހަ ރާއްޖެއިން ބޭރުކުރުމަށް ބަޔަކުވަނީ މަސައްކަތްކޮށްފައެވެ. މިބޮޑުޖަރީމާގެ ތަހުގީގު ފެށިފައިވާކަމަށް ގުޅުންހުރި މުއައްސަސާތަކުން ބައިނަލްއަގުވާމީ ހަބަރުތަކަށް މައުލޫމާތު ދީފައިވީ ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް ރައްޔިތުންނަށް މިއަދާ ހަމައަށްވެސް ނުލިބޭކަމީ މިޖަމިއްޔާތަކުން ވަރަށް ކަންބޮޑުވާކަމެކެވެ. އަދި މިޖަރީމާ ހާމަކަންބޮޑު ގޮތެއްގައި ތަހުގީގުކޮށް ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އިންސާފުވެރި ޝަރީއަތެއް ހިންގާ ރައްޔިތުންނަށް ސާފު މައުލޫމާތު ހިއްސާކުރުމަށް ކަމާގުޅޭ އިދާރާތަކަށް ގޮވާލަމެވެ.
ތިމާވެށީގެ ބޮޑެތިކުށްތަކާއި ޖަރީމާތައް (އެންވަޔަރަންމަންޓަލް ކްރައިމްސް) އަކީ ބައިނަލްއަގުވާމީ ފެންވަރެއްގައި ބަލައިގަނެ، އެފަދަ ކުށްތައްކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ރާއްޖޭގެ ފަރާތުން ވަކާލާތުކުރާކަމެކެވެ. މިގޮތުން، “އީކޯ ސައިޑް” އަކީ “ޖެނޮސައިޑް” ތަކާއި އެއްވަރުގެ ބައިނަލްއަގުވާމީ ޖިނާއީ ކުށެއްގެ ގޮތުގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ބަލައިގަތުމަށް އެދި، 03 ޑިސެމްބަރު 2019 ގައި ބޭއްވުނު، ‘އެސެމްބްލީ އޮފް ސްޓޭޓް ޕާޓީސް ޓު ދަ ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް’ ގެ 18 ވަނަ ބައްދަލުވުމުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ މެމްބަރު އަދި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގެ މުގައްރިރު ހުށަހެޅި ހުށަހެޅުން މިފުރުސަތުގައި މިޖަމިއްޔާތަކުން ހަނދާންކޮށްދެމެވެ.
ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގާ އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 22ވަނަ މާއްދާއިން ބާރުލިބި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި އަދި އެހެންވެސް ގާނޫނުތަކުންނާއި ގަވާއިދުތަކުން މަނާކޮށްފައިވާ ކަމަކަށްވީނަމަވެސް، މިފަދަ ޖަރީމާތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރު ކުރުމަށް އަދި ގާނޫނުން ކަނޑައަޅާފައިވާ އަދަބު ދިނުމަށް ނުކުޅެދިފައިވާ ކަމީ ހިތާމަހުރި ކަމެކެވެ. އަދި މިހާރަށްވުރެ ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، ނިޒާމުގެ ތެރޭގައި ހުރި އުނިކަންކަން ނައްތާލުމަށްޓަކައި ތިމާވެއްޓާއި ގުޅުންހުރި، މިހާރުވެސް އެކުލަވާލައި ފާސްކުރުމުގެ މަގުމަތީގައިވާ ގާނޫނުތައް ކަމަށްވާ، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭބިލާއި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ފަދަ ބިލުތަކަށް އިތުރު ސަމާލުކަމެއްދީގެން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިޖަމިއްޔާތަކުން ގޮވާލަމެވެ. ހަމައެއާއި އެކު، އީޕީއޭއަށް ފުރިހަމަ ބާރު ދިނުމަކީ މިސަރުކާރުގެ 100 ދުވަހުގެ ވައުދުގައި ހިމެނޭކަމެއްކަން ހަނދާކޮށްދިނުމާއި އެކު، އީޕީއޭއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅާ ފުރިހަމަ ބާރުތައް ދިނުމަށްވެސް މިޖަމިއްޔާތަކުން ގޮވާލަމެވެ.