އައްޑުއަތޮޅު ހިއްކުމުގެ މަޝްރޫއުގެ ރިޕޯޓުގެ ސާދާޚުލާސާގެ ރިކޯޑިންގް

Addu EIA SaveMaldives

އައްޑު އަތޮޅު ހިއްކުމުގެ މަޝްރޫއުގެ އީ.އައި.އޭ – ކޮނުމުން އުފެދޭނެ ކިސަޑުފަށަލައިގެ ތަސައްވަރު
ސަފްހާ 73 – ފެބްރުވަރީ 2022

އައްޑުއަތޮޅު ހިއްކުމުގެ މަޝްރޫއުގެ ރިޕޯޓުގެ ސާދާޚުލާސާގެ ރިކޯޑިންގް

by #savemaldives

01 ޖުލައި 2022

އައްޑުއަތޮޅު ހިއްކުމުގެ މަޝްރޫއުގެ ރިޕޯޓުގެ ސާދާޚުލާސާގެ ރިކޯޑިންގް

މިއީ ފެބްރުވަރީ 2022 ގައި، އައްޑު އަތޮޅު ހިއްކުމުގެ މަޝްރޫއުގެ ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ވޯޓަރ ސޮލިސުޝަންސް ގެ ފަރާތުން މިނިސްޓްރީއޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އަށް ތައްޔާރުކޮށްފައިވާ އީ.އައި.އޭ ރިޕޯޓު ގެ ދިވެހިބަހުން ލިޔެފައިވާ ސާދާ ޚުލާސާގެ ރިކޯޑިންގް އެކެވެ.

ސޭވް މޯލްޑިވްސް ކެމްޕޭނުގެ ފަރާތުން މި ރިކޯޑިންގް ތައްޔާރުކޮށްފައިވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް މި މަޝްރޫއުއާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްދިނުމުގެ ނިޔަތުގައެވެ. އަދި މި ޕްރޮޖެކްޓުން މުޅި އައްޑުއަތޮޅަށް ލިބިގެންދާނެ އިޔާދަ ނުކުރެވޭނެ ބޮޑެތި ދާއިމީ ގެއްލުންތައް ސާފުވުމަކީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ޚާއްސަ ގޮތެއްގައި އައްޑުއަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމުވާނެ މައުލޫމާތު ތަކަކަށް ވާނެތީއެވެ. މި ރިޕޯޓު ތައްޔާރުކުރި ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި :

މި ޕްރޮޖެކްޓުން ލިބޭނެ އިގްތިޞާދީ ފައިދާއަށް ބަލާފައި، މި ޕްރޮޖްކްޓް ކުރިއަށް ގެންދިޔުމަށް އައްޑޫ ގިނަ ރައްޔިތުން ނުހަނު ބޭނުންވާ ކަމަށް ފާހަގަކުރެވުނެވެ.

ނަމަވެސް އީ.އައި.އޭ ގެ މަސައްކަތުގެ ތެރޭން، މި ޕްރޮޖެކްޓް މިހާރު ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، އައްޑޫ ސިޓީގެ ތިމާވެއްޓަށާއި ރައްޔިތުންނަށް އަދި އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ފާހަގަކުރެވުނެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ އައްޑޫގެ އެތެރެވަރީން ގިނައަދަދެއްގެ ވެލި ނަގަން ހުށަހެޅިފައިވުމެވެ. އައްޑޫ އަތޮޅަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން ކަނޑުއޮޅިތައް މަދު، އޮއެވަރު އަތޮޅު ތެރޭގައި ހިފިހެއްޓިފައިވާ  އަތޮޅެއްކަމުން، ވެލި ނަގާ އިރު އުފެދޭ ކިލަނބުގަނޑު އަތޮޅުތެރޭ ގިނައިރު ހިފެހެއްޓޭންކަމަށް އަންދާޒާ ކުރެވެއެވެ. މި ކިލަނބުގެ ސަބަބުން އަތޮޅުގެ އެތެރެ ފަރުތައް ހަލާކުވެ، ފަރުގައި އުޅޭ މަސްމަހާ މެއްސަށް އޭގެ އަސަރު ކުރާ ނެއެވެ. އަދި މިހާރުވެސް ހިމާޔަތްކުރެވިފައިވާ މުހިންމު ޑައިވް ސައިޓްތައް ކަމަށްވަ އައްޑޫ މަންޓާ ޕޮއިންޓް (މާކަނޑު)، ކުޑަ ކަނޑު އަދި ބްރިޓިޝް ލޯޔަލްޓީ ރެކަށް މިކަމުގެ އަސަރު ކުރާނެ ކަމަށް ފާހަގަވެފައިވެއެވެ. ވެލިނެގުމުގެ އިތުރުން، ބިން ހިއްކަން ރަށުގެ ފަޅުތެރެއަށް ވެލި އަޅާ އިރުވެސް ގިނަ އަދަދެއްގެ މުރަކައާއި މޫދުވިނަ މަރުވެގެންދާ ނެއެވެ.

އަތޮޅުގެ ގުދުރަތީ ވެށި ހަލާކުވެގެން ދިޔުމަކީ އައްޑޫގެ ފަތުރުވެރިކަމަށް އޭގެ ގެއްލުންކޮށް އައްޑޫ ރައްޔިތުންނަށް އިޖްތިމާއީ އަދި އިގްތިޞާދީގޮތުން ބަލާއިރު ނޭދެވޭ އަސަރުކުރާނެކަމެކެވެ. ލަފާ ކުރެވިފައިވާ ގޮތުން މި ޕްރޮޖެކްޓްގެ ސަބަބުން އިގްތިޞާދަށް އަންނާނެ ގެއްލުންތަކަށް ބަލާއިރު، ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގެ ކުރިން ޕްރޮޖެކްޓުން ލިބޭނެ ގެއްލުންތަކާއި ފައިދާތައް އަޅާ ކިޔާ ބެލުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކުރެވެއެވެ.

(ރިޕޯޓުގެ ނުކުތާ 20، ސަފްހާ 28)

މި ކެމްޕޭނުންނާއި އެހެން މަދަނީ ޖަމާއަތްތަކުން އައްޑޫ ހިއްކުމުގެ ޕްރޮޖެކްޓާ ދޭތެރޭ ބޮޑެތި ކަންބޮޑުވުންތަކެއް އޮތުމުގެ ސަބަބުން އެކަންވާނީ މާރިޗު 2022 ގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައެވެ. އަދި އައްޑޫއަތޮޅަށް ބޮޑެތި އިޔާދަނުކުރެވޭނެ ގެއްލުންތަކެއް މި މަޝްރޫއުގެ ސަބަބުން ވާނެކަން ހާމަވެފައިވާތީ މި މަޝްރޫއު ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވާނެއެވެ.